ޚަބަރު

ކޯވިޑް-19 : ހދ ކުރިނބީގައި ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ


ހދ. ކުރިނބީގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކުރިނބީގައި ހުރި މީހާ ޕޮޒިޓިވްކަން އެންގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީޒް ސާމްޕަލުންކަމަށެވެ.

ކުރިނބީން ޕޮޒިޓިވް މީހަކު ފެނުނުނަމަވެސް އަދި އެރަށް މޮނިޓަރިންއަށް ނުވަތަ އަރާފޭބުން މަނާކުރިކަން އެޗްއީއޯސީން ހާމަކޮށްފައި ނުވެއެވެ.

ކުރިނބީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ފުރަބަންދު ކަރަންޓީންގައި ތިބި މީހުން ފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވާކަން އެޗްއީއޯސީން މައުލުމާތު ދެއްވައެވެ. ފ. އަތޮޅު ނިލަންދޫގައި ފުރަބަންދު ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވްވިކަން ރޭ އެޗްއީއޯސީން ހާމަކުރައްވާފައި ވާއިރު، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްރަށުން ވަނީ ފުރަބަންދު ކަރަންޓީން ފުރިހަމަކުރާ ބައެއް މީހުން މިބައްޔަށް ޕޮޒިޓިވެފައެވެ.

ރާއްޖެއިން މިހާތަނަށް 5,572 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު، 3,010 މީހުން ރަނގަޅުވެ 22 މީހުންވަނީ މިބަލީގައި ނިޔާވެފައެވެ.