ޚަބަރު

ކުރީގެ އަނބިމީހާ މަރާލަން އުޅުނު މީހާގެ މައްޗަށް 3 ދަޢުވާއެއް ކޮށްފި


ކުރީގެ އަނބި މީހާ މަރާލަން އުޅުނު މައްސަލާގައި، ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށް 3 ދަޢުވާއެއް ކުރުމަށް އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު އަންހެނަކަށް މަރުގެ އިންޒާރުދީ، އަނިޔާކޮށް، އެ އަންހެންމީހާގެ އަނގަޔަށް ބާރުގަދަ ކެމިކަލެއް (ފާހާނާ ފަދަ ތަންތަން ސާފުކުރުމަށް ބޭނުންކުރާ ކެމިކަލެއް) އަޅައި، އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ، މަރާލަން އުޅުނު މައްސަލާގައި، އެ އަންހެންމީހާގެ ކުރީގެ ފިރިމީހާ، ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށް ދަޢުވާ ކުރުމަށް ރ. އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގަައިވާ ގޮތުގެ މަތީން ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދަޢުވާ އާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

މި ދަޢުވާތައް ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށް ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ގޮތުންވެސް 12 އަހަރުގެ ޖަލުޙުކުމެއް އިއްވާނެއެވެ.