އައްޑޫސިޓީ ހިތަދޫއިން އެންމެ ފަހުން ކޯވިޑް-19 ޕޮޒިޓިވްވި އަންހެން މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.
މިކަމާއި ގުޅޭ ގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އެޗްއީއޯސީއިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫއިން މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވި 21 އަހަރުގެ އަންހެން މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ ފޯލްސް ޕޮޒިޓިވް ކޭސް އެއް ކަމަށް އެޗްއީއޯސީން ބުނެއެވެ. މިއީ އައްޑޫގައި ޓެސްޓު ކުރި ސާމްޕަލް އެއް ފޯލްސް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެޗްއީއޯސީން ވިދާޅުވީ އައްޑޫގައި ކޯވިޑަށް ޓެސްޓު ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އެ އަންހެންމީހާގެ ދެވަނަ ސާމްޕަލް އެއް ނަގައި ޓެސްޓު ކުރެވުނު ކަމަށާއި، އަދި އެފަދަ ކަމެއް ހިނގުމުން އުސޫލުގައި އޮންނަ ގޮތަށް މާލެ ފޮނުވައި އައިޖީއެމްއެޗުގައި ޓެސްޓު ކުރެވުނު ކަމަށެވެ. އަދި އައިޖީއެމްއެޗުގައި ކުރި ޓެސްޓުވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.
އަންހެންމީހާ ނެގެޓިވް ވުމާއި އެކު މިހާރު އައްޑޫގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 3 މީހުންނެވެ. އެއީ ފޭދޫގައި ހޯމް ކަރަންޓީނު ހުރި ފިރިހެނަކާއި، ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި 58 އަހަރުގެ އަންހެނެކެވެ. ދެން ޕޮޒިޓިވްވީ ހިތަދޫގައި ހުރި ބިދޭސީއެކެވެ. އެމީހާ މިހާރުވަނީ ގަމުގެ ދޫގަސް އަށް ބަދަލު ކުރެވިފައެވެ.