ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއިން 198 މީހުން ބަލިން ރަނގަޅުވި


ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު 198 މީހުން މިއަދު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު 198 މީހުން ބަލިން ރަނގަޅުވެފައިވާއިރު އިއްޔެއާ މިއަދު ޕޮޒިޓިވްވި މީހުންނަށް ވުރެ މިދެދުވަހު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު އިތުރުކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިރޭގެ އިރު އޮއްސި 18:00އާ ހަމައަށް ރާއްޖެއިން 5679 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 3208 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައި މިވަނީ މިދިޔަމަހުގެ ފަހުކޮޅުން ފެށިގެން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދިއުމާއިއެކު ބަލިޖެހޭ މުއްދަތުން ފެށިގެން 14 ދުވަހުގެ ތެރޭގައި އަލާމާތެއް ނެތްނަމަ އެމީހަކީ ބަލިން ރަނގަޅުވެފައިވާ މީހެއްކަމަށް ނިންމާފައިވާތީއެވެ.

ޑަބުލިޔުއެޗްއޯގެ ގައިޑްލައިންތަކުގައި ކަނޑައަޅާފައި ވަނީ، ޕޮޒިޓިވްވާ ދުވަހުންފެށިގެން 10 ދުވަސް ހަމަވުމުން ނުވަތަ ބަލީގެ އަލާމާތްތައް ރަނގަޅުވާތާ 10 ދުވަސްވުމުން ބަލިން ރަނގަޅުވީ ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 161 ދުވަސް ވެފައިވާއިރު ބަލިޖެހޭ މީހުން ބަލިން ރަނގަޅުވާކަމަށް ރާއްޖޭގައި ނިންމަނީ ޕޮޒިޓިވްވާ ދުވަހުން ފެށިގެން އަލާމާތްތައް ނުފެންނަތާ 14 ދުވަސް ފާއިތުވުމުންނެވެ.