ޚަބަރު

ރައީސް ޔާމީނުގެ ޝަރީޢަތް ފަސްކޮށްފި


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެންމެ ފަހުން ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތް ފަސްކޮށްފިއެވެ.

މަނީ ލޯންޑަރިން ކުށް ސާބިތުވެ މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީނާއި ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫންމަހުގެ 28ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައެޅި
މި މައްސަލާގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކ. މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޝާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު، ދިވެހިން ރުފިޔާއިން ނަމަ 17.2 މިލިއަން ރުފިޔާ ހޯދާފައިވާކަމަށެވެ.

މިމައްސަލާގައި މިއަދު ކުރިއަށްދިޔަ ޢިބުތިދާޢީ އަޑު އެހުމުގައި މައްސަލަ ބައްލަވާ ޤާޟީ މައްސަލައިގެ ޝަރީއަތް ފަސްކުރުމަށް ނިންމަވާފައި ވަނީ ރައީސް ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ނުކެރެވޭކަން ރައީސް ޔާމީނާއި އެމަނިކުފާނުގެ ދިފާޢީ ވަކީލުންގެ އިތުރުން ދަޢުލަތުގެ ވަކީލުންގެ ވާހަކަތަކުންވެސް އެނގެން އޮތުމުންނެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި އަޑުއެހުމުގައި މާފުށީ ޖަލުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް މައްސަލައިގެ ލިޔެކިއުންތައް ފެނިފައި ނުވާކަމާއި ވަކީލުންނާއި ބައްދަލު ނުކުރެވޭތާ ދޮޅުމަސްވެފައިވާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އަދި މިފަދަ މައްސަލައެއްގައި ވަކީލުންނާއި ބައްދަލުނުވެ މައްސަލައިގެ ލިޔެކިޔުން ނުފެނި ކުރިއަށްގެންދަން އުނދަގޫވާނެ ކަމުގައި ވިދާޅުވިއެވެ.

ނަމަވެސް ދަޢުލަތުގެ ވަކީލުން ވަނީ މައްސަލަ ރައްދުވާ ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ފުރުސަތު ކަނޑައެޅިފައިވާ އުސޫލުން ދެވުނުކަން ކަރެކްޝަނަލް ސަރވިސް އާއި ހަވާލާދެއްވައި ވިދާޅުވެފައެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަބައްލަވާ ޤާޟީ ވިދާޅުވީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންގެ އިތުރުން ދައުލަތުގެ ވަކީލުންގެ ވާހަކަތަކުންވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާކަން އެނގޭކަމަށެވެ. މިއާއެކު މި މައްސަލައިގެ ގޮތުން ވަކީލުންނާއި ބައްދަލުކުރުން މުހިއްމުކަމަށް ފެންނާތީ ރައީސް ޔާމީނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް ދިނުމަށް އަންގައި އަމުރެއް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އެކޯޓުން ނެރުއްވަން ނިންމެވިކަން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ޤާޟީ ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ ދައުލަތުން މިއަދު ހުށައެޅި ލިޔެކިއުންތައްވެސް މައްސަލަ ރައްދުވާ ފަރާތައް ރައްދުކުރުމަށްފަހު 10 ދުވަހާއި 15 ދުވާހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައިކަމަށް ޤާޟީ މިއަދު ވަނީ ނިންމަވާފައެވެ.