ޚަބަރު

ރައީސް ޔާމީންގެ ވަކީލުންދަނީ ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން - ކޮމިޝަނަރ


ފަސް އަހަރު ދުވަހުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުންދަނީ ހަޤީގަތް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރަމުންކަމަށާ، އެކަމާމެދު ކަންބޮޑުވާކަމަށް، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ އިތުރު މައްސަލައެއްގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައިވަނީ، ޤާނޫނީ ވަކީލުންނަށް އެމަނިކުފާނާ ބައްދަލު ނުކުރެވޭތާ ދުވަސްތަކެއް ވެފައިވުމުން އެޝަރީއަތްވަނީ ފަސްކޮށްފައެެވެ.

މިއާއެކު ރައީސް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް ދިނުމަށް އަންގަވައި ކޯޓުންވަނީ ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއްވެސް ނެރުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވިދާޅުވީ ޖުލައި މަހުގެކުރީކޮޅު ހައިކޯޓުގައި ކުރިއަށްދިޔަ ރައީސް ޔާމީނުގެ މައްސަލައިގެ ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ކަންކަން ހަމަޖެއްސުމަށް ދަޢުލަތުގެ މައްޗަށް އެންގެވުމާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެކަމަށް އެދިލެއްވުމުން ވަކީލުންގެ ބައްދަލުވުމަށް ފުރުސަތު ދެއްވާނެކަން ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ސިޓީއަކުން އަންގާފައިވާކަމަށެވެ.

ނަމަވެސް ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް ވަކީލުންގެ ބައްދަލުވުމަށް އެދި ރަސްމީކޮށް ފޯމު ހުށައަޅާފައިވަނީ އޭގެ ވިއްސަކަށް ދުވަސް ފަހުން މިމަހުގެ 4ވަނަ ދުވަހުކަމަށާ އެއާއެކު ރައީސް ޔާމީނާ ބައްދަލުކުރުމަށް މާފުށީ ޖަލަށް ވަޑައިގަތުމަށް ވަކީލުންގެ ޓީމުގައިހިމެނޭ ޑރ.މުޙައްމަދު ޖަމީލަށް މާފުށީ ޖަލުން އެންގިކަމަށާ، ނަމަވެސް ޑރ.ޖަމީލް ބައްދަލުވުމަށް ވަޑައިނުގަންނަވާކަމަށެވެ.

އެފުރުސަތުގެ ބޭނުނުން ނުކޮށް އަނެއްކާވެސް އެއްވެސް ޝަރުތަކާ ނުލައި ރައީސް ޔާމީނާ ބައްދަލުކުރުމަށް އެދި ވަކިލުންގެ ޓީމުން ސިޓީއަކުން އެދިފައިވާކަމަށާ ވަކީލުންގެ ބައްދަލުވުމަށް ޖަލަށް ވަޑައިނުގެން ފުރުސަތުނުދެއްވާކަމަށް ވިދާޅުވާތީ ހައިރާންވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

"ހަމަވަރަށް ސާފު އިބާރާތުން މީގެ ކުރިންވެސް އަޅުގަނދުމެން ދަންނަވާފައިވާ ގޮތަށް އެބޭފުޅުން ޖަލަށް ވަޑައިގެންނެވީމަ، އާންމުކޮށް ލޯޔަރުން ބައްދަލުވުމުގެ ގަޑިއާ ވަގުތު އަޅުގަނޑުމެން ހަމަޖެއްސީމަ އެބޭފުޅުން ޖަލަށް ވަޑައިގަންނަވަނީ. އަޅުގަނޑުމެނެއްނޫން އެބޭފުޅުން ޖަލަށް ގެންދަވަނީ. އެހެންވީމަ މިފަހަރުވެސް ލިޔުމުން އަރުވާފައިވާއިރު ހަމައެތާރީޚުގައި ވަޑައިގެންނެވީމަ ބައްދަލުވުން ހިނގާނެ ކުރިއަށް" ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ހަޤީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަމަށާއި ކަރެކްޝަނަލް ސަރވިސުން ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް އެވެސް ވަރަކަށް ހުރަސް އަޅާފައި ނުވާއިރު ބައްދަލުވިޔަ ނުދިނުމުގެ ނިޔަތެއްވެސް ނެތްކަމަށެވެ.