ޚަބަރު

އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަޙްޤީޤުކޮށް ނިމެންދެން ހެލްތު މިނިސްޓަރ މަސައްކަތުން އެކަހެރިވެވަޑައިގެންފި


އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަޙްޤީޤުކޮށް ނިމެންދެން އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ނިންމަވައިފިއެވެ. މިނިސްޓަރ ވަނީ މިކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައި ސިޓީފުޅެއް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ޙެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ
ހެލްތް މިނިސްޓްރީގެ ކޯވިޑް-19ގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއިގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.

ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ވެންޓިލޭޓަރުތަކުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29ދުވަހުގެ ތެރޭގައި ތަކެތި ސަޕްލައިކޮށް ނިންމަންޖެހެއެވެ. ހެލްތު މިނިސްޓްރީންވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައެވެ. އެހެންނަމަވެސް އޮޑިޓް ރިޕޯޓު އެކުލަވާލިއުރު، މިމުއްދަތު ފަނައަޅައިގޮސް ޖުމުލަ ހަތަރުމަސް ދުވަސް ފާއިތުވެފައިވާކަމަށާ، ކަނޑައެޅިފައިވާ ޢަދަދަށް ވެންޓިލޭޓަރު ލިބިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް އަގުބެލި ފަރާތްތަކާމެދު ވާދަވެރި އުސޫލަކުން ޢަމަލުކޮށްފައި ނުވާކަމަށާއި ހުރިހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުވެސް ދީފައިވެސް ނުވުން ހިމެނެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުންވަނީ ކޯވިޑް-19ގެ ހަލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމުގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފަސްނުޖެހި ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.

ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ކޯވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްރިޕޯޓުގައި ކަންބޮޑުވާ ބައެއްކަންކަން ހުރިކަން ފާހަގަކުރެވިގެން އެރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސްވަނީ ފައްޓަވާފައެވެ.