ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނުހިނގާކަމަށް އޭސީސީން ނުނިންމާ


ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިނެތްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވާކަމަށް ދޭހަވާގޮތަށް ދެކެވޭ ވާހަކަތައް އެކޮމިޝަނުން ދޮގުކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައިގައި އޭސީސީން ކުރި ތަޙުޤީގާއި ގުޅޭގޮތުން މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އެކޮމިޝަނުން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން އޭސީސީން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ، އެކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއްކަމަށެވެ.

އޭސީސީން ވިދާޅުވީ ވެންޓިލޭޓަރު ހޯދުމުގައި ހެލްތް މިނިސްޓްރީން ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މައްސަލާގައި ކޮމިޝަނަށް އޭރު ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް މެއި މަހުގެ 21 ވަނަ ދުވަހު ޚުލާޞާ ރިޕޯޓެއް އެކުލަވާލިއިރު އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.

އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެކަމަށާއި، މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައި ނުވާނެކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާއިރު، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެކަމަށްވެސް އޭސީސީންވަނީ ވިދާޅުވެފައެވެ.