ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުން އިސްތިޢުފާ ދެއްވައިފި


ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ޝުޖާއު އުޘްމާނު އިސްތިޢުފާ ދެއްވާފައިވަނީ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވާފައިވަނިކޮށެވެ.

ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުގައި ހުންނަވައިގެން، ފަނޑިޔާރުންގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އެތައްކަމެއްކޮށް ފާޅުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތުކުރެވޭތީ އޭނާ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ޝުޖާއު އުޘްމާނުގެ މައްޗަށް އެންމެފަހުން ޖޭއެސްސީން ތަހްޤީޤުކުރީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމަށް ބުނެ އެކަމުގެ މަޝްވަރާކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއްކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޝުޖާއު އުޘްމާނު މަޤާމުން އިސްތިޢުފާ ދެއްވިކަން ހާމަކުރެއްވީ ފަނޑިޔާރުންނަށް ފުރިހަމަ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި މިނިވަންކަމާއި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް ވިދާޅުވެ ނެރުއްވި ބަޔާނެއްގައެވެ.

ޖޭއެސްސީވަނީ މިދިޔަ ޖުލައި މަހުގެ 22ވަނަ ދުވަހުންފެށިގެން 2 މަސްދުވަހަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު ސަސްޕެންޑްކޮށްފައެވެ. މިއާއެކު ހައިކޯޓު ހިންގުން އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިންޒަކަރިއްޔާއާ ޖޭއެސްސީން ވަނީ ޙަވާލުކުރައްވާފައެވެ.