ޚަބަރު

އިންޑިއާގެ ލަކީ އެކްސްޕޯޓްސް ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅައިފި


އިންޑިއާގެ ލަކީ އެކްސްޕޯޓްސް ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށައަޅާފައިވަނީ ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށް ލަކީ އެކްސްޕޯޓްސް އާއި ދިވެހި ސަރުކާރާ ދެމެދު 18 ޖޫން 2017ގައި ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާޠިލުކުރުމާއި ގުޅިގެން އެކަންކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެއެވެ. އެ ކުންފުނިން މި މައްސަލަ ހުށަހަޅާފައިވަނީ 13 މާރޗް 2020 ގައެވެ.

ލަކީ އެކްސްޕޯޓްސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް އެދިފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި މި މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާއިރު އާބިޓްރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުޞަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަންވެސް އޭޖީ އޮފީހުންވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެއްބަސްވުން ބާޠިލްކޮށް ލަކީ އެކްސްޕޯޓްސް ގެ ފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި ހަތަރުލައްކަ އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ފަންސާސް އެއް އެމެރިކާ ޑޮލަރު ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި ބޭންކް ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި ދިވެހި ސަރުކާރުން އެދުމުން، އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިޔާގެ ނިއު ދެއްލީގެ ހައިކޯޓަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާކަމަށްވެސް ބަނޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި އެ މައްސަލާގައި، 29 ޖަނަވަރީ 2020ގައި ނިއު ދެއްލީގެ ހައިކޯޓުން އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރުނެރެފައިވާކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މި ވަގުތީ އަމުރާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށް ނިއު ދެއްލީގެ ހައިކޯޓުން ފުރުޞަތު ދެއްވާފައިވާކަމަށާއި އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ ޖަވާބު މިމަހުގެ 14 ވަނަ ދުވަހު ސަރުކާރުން ހުށަހަޅާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.