ޚަބަރު

އައު އާއްމު ޙާލަތުގައި ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު މަދުކޮށްފި


އައު އާންމު ޙާލަތުގައި ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު މަދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުއްވި ސަރކިއުލާގައި ވިދާޅުވީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުންފެށިގެން ސްކޫލުތަކުގައި ކިޔަވއިދޭ ވަގުތު މަދުކޮށްފައިވާކަމަށެވެ. އެގޮތުން ކުރިން މާއްދާއެއް 45 މިނެޓަށް ކިޔަވައިދިން ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިގޮތަށް ނިންމާފައިވަނީ ސްކޫލްތަކުގެ ޕްރިންސްޕަލުންނާއި މުދައްރިސުންގެ މަޝްވަރާއާއެކުގައިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދަށްވެސް ބަދަލު ގެނެސްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔަވައިދޭ ގަޑިތައް މަދުކުރިނަމަވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާ އާއްމު ހާލަތުގައި އަމަލުކުރުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސްކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އަތްދޮވުމާއި އެހެނިހެން ކަންކަމަށް 1 ގަޑިއިރު ލިބޭނެ ގޮތަށް، ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެހެން ހަމަޖެއްސުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އަދި މިހާރަކޭވެސް އެއްގޮތަށް ސްކޫލުތަކުގައި ނުނެގޭ ގަޑިތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ސަބަބުން 3 މަހަށްވުރެ ގިނަދުވަސްވަންދެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މާލެ ނޫން ހުރިހާ ރަށެއްގައި ގްރޭޑް 1 އިން ފެށިގެން ކިޔަވައިދޭން ފެށިނަމަވެސް މާލޭގައި ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 އިން 12 އަށެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު އިތުރު ދެ ގްރޭޑަށް ކިޔަވައިދިނުމަށް ނިންމާފައި އޮތްނަމަވެސް މާލެ ސަރަހައްދުގައި ކޯވިޑް-19 ޖެހޭ މީހުން އިތުރުވާން ފެށުމާއެކު ސްކޫލުތައް އިތުރު ދެ ހަފުތާއަށް ބަންދުކުރުމަށް ފަހު އޮންލައިންކޮށް ކިޔަވައިދޭން މިހާރު ވަނީ ފަށާފައެވެ.