ޚަބަރު

އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމަޔަށް ސްކޫލްތައް ބަންދުކޮށްފި


ކޯވިޑް-19ގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ މާލޭގެ ސްކޫލްތައް އަނެއްކާވެސް އިތުރު 2 ހަފްތާއަށް ބަންދުކޮށްފިއެވެ.

ކުރިން އަންނަ ހަފްތާގައި ސްކޫލުތައް ހުޅުވަން ނިންމާފައިވީ ނަމަވެސް ދެ ހަފްތާއަށް ސްކޫލުތައް ބަންދުކުރަން ނިންމާފައިވަނީ ކޯވިޑް-19އިން ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ، ކޯވިޑް-19ގެ ހާލަތަށް ރިޢާއަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 3ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ނިންމައި ފިލާވަޅުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީންވަނީ ނިންމަވާފައެވެ. އަދި އެ ނިންމުން މުރާޖަޢާ ކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވިދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ. މީގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި މިމަހުގެ 16 ގައި ފެށުމަށް އޮތީ ނިންމާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގައި މީގެ ކުރިންވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮންނާއި ޓެލިކިލާސް މެދުވެރިކޮށް ދިޔައީ ކިޔަވައިދެމުންނެވެ. އަދި ސްކޫލްތައް އަލުން ހުޅުވިއިރުވެސް ވަކި ގަޑިތަކެއް ކަނޑައަޅައިގެން މިފަދަ ގޮތަކަށް އައީ ކިޔަވައިދެމުންނެވެ. ސްކޫލްތައް އަލުން ހުޅުވިއިރުވެސް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24ގައެވެ. އަދި އައު ދިރާސީ އަހަރު ފެެށޭނީ އަނަން އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ.

އައު އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފެށޭނީ އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ޗުއްޓީ ނިމި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނައި މިބަދަލަކީ ދާއިމީކޮށް ގެންނަ ބަދަލެއްގެ ގޮތުގައި އަދި ކަނޑަނާޅާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.