ޚަބަރު

ހިންނަވާރާއި ތިމަރަފުށީގައި ފުރަބަންދު ކަރންޓީންގައި ތިބި ބަޔަކު ޕޮޒިޓިވްވެއްޖެ


ފާދިއްޕޮޅު ހިންނަވަރާއި ކޮޅުމަޑުލު ތިމަރަފުށީގައި ފުރަބަންދު ކަރަންޓީގައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ހިންނަވަރުގައި ފުރަބަންދު ކަރަންޓީންގައި ތިބި 78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ އަންހެން ކުއްޖެއްގެ ރިލީޒް ސާމްޕަލްނަގައި ޓެސްޓުކުރި އިރު އެމީހުން ޕޮޒިޓިވްވަފައިވާކަމަށެވެ. އަދި ތިމަރަފުށީގައި ފުރަބަންދު ކަރަންޓީން ފުރިހަމަކުރި 38 އަހަރުގެ ފިރިހެނަކުވެސް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މާލޭގެ އިތުރުން އައްޑޫ ސީޓީއާ ފުވައްމުލަކު ސިޓީ ގެ ބައެއް ރަށްރަށް ހިމެނޭހެން މިވަގުތު 20 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވް މީހުން ތިބިކަމަށް އެޗްޕީއޭއިން ރޭ ހާމަކޮށްފައިވާއިރު މިއަދު ޕޮޒިޓިވް ކޭސްތައް ފެނުނުކަން ހާމަކުރި 2 ރަށާއެކު 22 ރަށެއްގައި މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ.

ރަށްރަށުގެ އިތުރުން ރާއްޖޭގެ 12 ރިސޯޓަކުން 7 ފަތުރުވެރިއަކާއި 13 މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއްވިއެވެ.

6225 މީހުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު 3788 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލިޖެހިގެން މިހާތަނަށް 24 މީހުން ރާއްޖެއިން ވަނީ ނިޔާވެފައެވެ.