ކުރިއަށް އޮތް ދެހަފްތާއަށް މާލެ ސަރަޙައްދުގެ ސްކޫލްތައް ބަންދުކުރިނަމަވެސް ގްރޭޑް 11 އާއި 12އިގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވަފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ އޭލެވެލްގެ އޭއެސް އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރުވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގްރޭޑް 11 އާއި 12ގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔާވާދިނުމަށް ނިންމަވާފައިވަނީ މިއަހަރުގެ ތެރޭގައި އިމްތިހާނު އޮތުމުންނެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް އޮތް އޭލެވެލް އިމްތިހާނު ވަނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ބަދަލުކޮށްފައެވެ.
މިގްރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައި ދިނުމަށް ހަމަޖެއްސެވިނަމަވެސް އަންނަމަހުގެ 3 ވަނަ ދުވަހާ ހަމަޔަށް އެހެން ގްރޭޑް ތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ.
ކޯވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުގެ ސަބަބުން ޢީދު ބަންދަށްފަހު ސްކޫލްތައް ހުޅުވާފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ނަގައިދޭ ގަޑިތަކުގެ ވަގުތުވެސް މަދުކޮށްފައެވެ. އެގޮތުން 45 މިނެޓަށް ކިޔަވައިދޭ ގަޑިތައް ދެން ނަގައިދޭނީ 35 މިނެޓަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.