ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވަނީ ޤަތަރު އެއަަރވޭސްގެ ފްލައިޓުތަކުގައިކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން މިވީ މަސްދުވަސްތެރޭ ރާއްޖެއަށް ބައިނައަލްއަޤްވާމީ 4 އެއަރލައިންއަކުން ދަތުރުތައް ބާއްވަމުން އަންނަ އިރު، އެންމެ ގިނަ އަދަދެއްގެ ޕަސިންޖަރުން ރާއްޖެއަށް އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓުތަކުގައި ކަމަށެެވެ.
" ހަފްތާއަކު ހަތް ފްލައިޓު ޤަތަރުން އެބަ އަޅާ މި އެއަރޕޯޓަށް، އެހެންވީމަ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އުފުލާ އެއަރލައިންއަކީ ޤަތަރު އެއަރވޭސް، ވަރަށް ބައިވަރު ފަސިންޖަރުން ދޯހާއިން ނަގައިގެން މި އަންނަނީ ރާއްޖެއަށް، " ހަސަން ވިދާޅުވިއެވެ.
ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ދޯހާއަކީ ޓްރާންސިޓު ހަބަކަށްވުމުން ދޯހާއިން ރާއްޖެއަށް އަންނަ ޤަތަރު އެއަރވޭސްގެ ފްލައިޓުގައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަސިންޖަރުން އާދެއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޤަތަރު އެއަރވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން އުދުހުންތައް ބާއްވަމުން އަންނަ އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ. އެ އެއަރލައިނުން އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު 3 ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާއްވައެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެއަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ.
ރާއްޖެއަށް ފާއިތުވީ އެއްމަސްދުވަސްތެރޭ އައިސްފައިވަނީ 5177 ފަތުރުވެރިންނެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ޖުލައިމަހު ރާއްޖެ ޒިޔާރަތްކުރި 1701 ފަތުރުވެރިންނާއި މިހިނގާ އޮގަސްޓްމަހުގެ 15ގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި 3476 ފަތުރުވެރިންނެވެ.
އޮގަސްޓް މަހުގެ ފުރަތަމަ 15އަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫއޭއީއިންނެވެ. އެއީ 504 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެއީ 421 ފަތުރުވެރިންނެވެ. 336 ފަތުރުވެރިންނާއިއެކު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އެމެރިކާއިންނެވެ.