އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ ޚިލާފަށް މާލެއިން ފުރައިގެން ތ.ވިލުފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންދިޔުމުން އިއްޔެގެ ވަގުތެއްގައެވެ.
މި މައްސަލާފައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގު ކުރަމުންނެވެ. އިއްޔެ މީހަކު ހައްޔަރު ކުރިއިރު މިމަހުގެ 17 ވަނަ ދުވަހުވެސް ވަނީ ދިވެހި ދެމީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ، އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް މާލެއިން ފުރައިގެން އެއްވެސް ރަށަކަށް ދިއުމަކީ މަނާ ކަމެކެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރުވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ. އެޗްޕީއޭއިން މި އުސޫލުތައް އާންމުކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން މި ބަލިމަޑުކަމުން ރައްކާތެރި ކުރުމުގެ ގޮތުންނެވެ.