ޚަބަރު

ކޯވިޑް-19 : އައިސޮލޭޝަނަށް ނުގެންދެވި 348 މީހުން، 89 މީހަކު ދާން ދެކޮޅުހަދާ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތަފާތު ސަބަބުތަކާހެދި 348 މީހަކު އައިސޮލޭޝަން ފެސިލިޓީއަށް ނުގެންދެވިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ މާލޭ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން ރޭގެ އިރުއޮއްސި 6:00އާއި ހަމައަށް އިދާރީ ގޮތުންނާއި ލޮޖިސްޓްކް ކަންކަން ފުރިހަމަކުރުމަށްފަހު އައިސޮލޭޝަން ފެސިލީޓީތަކަށް ގެންދަންޖެހޭ 194 މީހުން އެބަތިބިކަމަށެވެ. އަދި ޕޮޒިޓިވްވުމުންވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ދާން ދެކޮޅުހަދާ 89 މީހުން އެބަތިބިކަމަށެވެ.

މީގެ އިތުރުން އާއިލާގެ މެންބަރުންގެ ނަތީޖާލިބުމުން އައިސޮލޭޝަނަށްދާންތިބި 18 މީހަކާއި ފޯނަށް ނުގުޅިގެން 33 މީހަކު އައިސޮލޭޝަނަށް ނުގެންދެވިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި އެހެނިހެން ކަންކަމާގުޅިގެން 14 މީހަކު ނުގެންގޮސްތިބިކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން އަދަދު 6564 އަށް އަރާފައި ވާއިރު، އޭގެ ތެރެއިން 1398 މީހަކު މިވަގުތުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ހޯދަމުންނެވެ.

އައިސޮލޭޝަނަށް މީހުން ގެންދިއުމުގައި ލަސްވަނީ ހަމައެކަނި ފެސިލިޓީ ނެތިގެން ނޫންކަމަށް އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް މީހުން ފެސިލިޓީއަށް ދާން ދެކޮޅު ހެދުމާއި، އާއިލާގެ މެމްބަރުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ނޫނީ ފެސިލިޓީއަށްދާން ބޭނުންނުވާ މީހުންނާއި، ޕޮޒިޓިވްވެގެން އެތައް ފަހަރެއް މަތިން ގުޅުމުންވެސް ފޯނު ނުނަގާ ބައެއް މީހުން ތިބިކަންވެސް އެޗްއީއޯސީން ފާހަގަކުރެއެވެ.