ޚަބަރު

އިންޑިއާގެ ހިލޭ އެހީގައި މާލެ ސިޓީ ކައުންސިލަށް ހޯދި ހުރިހާ ވެހިކަލްތައް ހަވާލުކޮށްފި


އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް އެ ކައުންސިލާ ހަވާލުކޮށް ނިމިއްޖެއެވެ.

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދެމެދުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތަކާ މެޝިނަރީ ހޯދާފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 8 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 16 ވެހިކަލެއް ސިޓީ ކައުންސިލަށް ވަނީ ހޯދާފެވެ.

ވެހިކަލްތައް ހަވާލުކޮށް ނިންމުން ފާހަގަކުރުމަށް މިއަދު ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ޒިންމާތަކެއް މަތިވެފައިވާ ތަނެއްކަމަށާއި، މާލެ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމުގައި މި ވެހިކަލްތަކުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އިންޑިއާގެ 12.5 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ހިންގޭ 28 ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއު ތަކަކީ ލާމަރުކަޒީ ސިފައެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލެވިގެން ހިންގޭ މަޝްރޫއުތަކަށް ހެދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި އުޅެމުން ގެންދަނީ މާލެ ސިޓީގައި ކަމުން، މާލެ ސިޓީ ގައި ހިންގޭ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ސީދާ ގޮތުގައި ފައިދާ ވާނޭތީ، މާލޭގައި ހިންގޭ މަޝްރޫއުތަކަށް މުހިންމުކަމެއް ދެވިފައިވާކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި މޭޔަރ ސިފާ ވަނީ ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ދެއްވާފައިވާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަށް ފަންޑުކޮށްފައިވަނީ 2019 ވަނަ އަހަރު މާޗް މަހު އިންޑިއާއިން އިޢުލާންކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. މި އެހީގެ ދަށުން ހިންގާ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު، މަޝްރޫޢުތައް މެނޭޖްކުރަމުންދާނީ މަޝްރޫއާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާ ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލްތަކުންނެވެ.