ޚަބަރު

ރަނގަޅުވާ މީހުން ޓެސްޓްކޮށް ކަރަންޓީންކޮށް އައިސޮލޭޓުކުރުން އިސްތިސްނާކޮށްފި


ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އަލުން ޓެސްޓު ކުރުމާއި، ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމުގައި އިސްތިސްނާތަކެއް ކަނޑައަޅައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ބަލިން ރަނގަޅުވާތާ، 3 މަހުގެ މުއްދަތު ހަމަނުވާ މީހުންނަށް މިއިސްތިސްނާތައް ހިނގާނެ ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދާފައިވާ ސައެންޓިފިކް ހޯދުންތަކުން ބައްޔަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލި ފެތުރޭކަން ކަށަވަރުވެފައި ނުވާތީއެވެ. މިއާއެކު އެޗްޕީއޭއިން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންގެ އިސްތިސްނާގެ ތެރެއިން، އެފަދަ މީހުން އަލުން ޕީސީއާރް ޓެސްޓް ހަދާނީ، ނުވަތަ ކަރަންޓީންކޮށް އައިސޮލޭޓް ކުރާނީ، ބަލިން ރަނގަޅުވުމަށްފަހު 3 މަސްދުވަސްގެ މުއްދަތެއް ފާއިތުވުމަށް ފަހުގައެވެ.

މިގޮތުން އެޗްޕީއޭއިން ވިދާޅުވީ ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ނިކުތުމުގެ ބޭނުމުގައި، މިތިންމަހުގެ ތެރޭގައި ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓު ކުރަން ނުޖެހޭނެކަމަށެވެ. އަދި ބަލީގެ އަލާމާތެއް ނެތްނަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެހެން މީހަކާއި ކޮންޓެކްޓް ވިޔަސް ޕީސީއާރް ޓެސްޓް ހަދަން ނުޖެނެކަމަށެވެ. އަދި 3 މަހުގެ މުއްދަތުގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ ސަރވައިލެންސްގެ ތެރެއިންވެސް އެފަދަ މީހުން ޓެސްޓް ކުރުންވެސް އެޗްޕީއޭއިން ވަނީ އިސްތިސްނާކޮށްފައެވެ.

ކޯވިޑް-19ގެ އަލާމަތެއް ބަލިން ރަނގަޅުވެފައިވާ މީހެއްގެ ކިބައިން އަލުން ނުފެންނަނަމަ ކޮންޓެކްޓަކަށްވި ނަމަވެސް ކަރަންޓީން ވާން ނުޖެހޭނެކަމަށާއި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރާއިރުވެސް ކަރަންޓީންވާން ނުޖެހޭނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑް-19 އާ ގުޅިގެން ގެއަށް ވަދެ ނުކުތުން މަނާކޮށްފައިވާ ހާލަތުގައިވެސް ބަލި މީގެ ކުރިން ޖެހިފައިވާ މީހުން ކަރަންޓީންގައި ހުންނާކަށް ނުޖެހެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ، އެހެން ކަމަކާއި ގުޅިގެން ޓެސްޓް ކުރާއިރު އަލުން ކޯވިޑް-19އަށް ޕޮޒިޓިވްކަމަށް ދެއްކި ނަމަވެސް އެމީހަކީ، ބަލިން ރަނގަޅުވިތާ 3މަސް ހަމަނުވާ މީހެއް ނަމަ، ނުކުރާގޮތަށް ހަމަޖައްސާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން، ބަލިން ރަނގަޅުވުމަށް ފަހުގައިވެސް، ޕީސީއާރް ޓެސްޓްތަކުން ޕޮޒިޓިވް ކަމަށް ދައްކައެވެ. އެހެން ނަމަވެސް އެފަދަ މީހުންގެ ކިބައި އެހެން މީހުންނަށް ބަލި ފެތުރޭކަމަށް ސައިންޓިފިކް އެއްވެސް ހޯދުމަކުން ފެނިފައި ނުވާކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 އާގުޅިގެން ހޯދާ ސައިންޓެފިކް ހޯދުންތަކުގެ އަލީގައި މި އިސްތިސްނާސްތަކަށް ބަދަލު އައުމަކީ އެކަށިގެންވާކަމައްކަމަށެވެ.