ޚަބަރު

ރާއްޖެއިން އިތުރު ދިވެއްސަކު ކޯވިޑް-19ގައި ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ރޭ ދަންވަރު 2:58ގައި އައިޖީއެމްއެޗުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި، 27 ވަނަ މީހާއެެވެ. މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 7 ބިދޭސީންނެވެ.

ކޯވިޑް-19އަށް ރާއްޖޭގައި 6779 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު 162 މީހަކު އެޑްމިޓްކޮށްގެންދނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން އައިސީޔޫގައި 11 މީހުން އަދި ވެންޓިލޭޓަރުގައި 8 މީހަކަސްދަނީ ފަރުވާދެމުންނެވެ.

ރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 119 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 6700އަށްވުރެ އިތުރުވެފައިވާއިރު މީގެތެރެިން 4222 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިބިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.