ޚަބަރު

ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ޚަރަދުކުރި ފައިސާ ސަރުކާރުން އަނބުރާ ހޯދާނެ: އަމީރު


އެޤްޒިކިއުޓާސް ޖެނަރަލް ޓްރޭޑިން އާއި ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޚަރަދުތަކުގެ ކޮމްޕްލެޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ހެލްތް މިނިސްޓްރީން، އެޤްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަރަކީ ހިންގަމުންދާ ކޮންޓްރެކްޓެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ޚަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށެވެ. އަދި މިކަމުގެ އެއްބަސްވުމުގައި ފައިސާ އަނބުރާ ލިބޭނެގޮތްތައް ހިމެނިފައިވާކަމަށެވެ.

"އެގްރީމެންޓްގައި ޑިލޭ ޗާޖުގެ ވާހަކައެބައޮތް. އާބިޓްރޭޝަނަކަށް ހިންގައްޖެނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަންޖެހޭކަމަށް އެގްރީމަންޓްގައި ލިޔެވިފައި އެބައޮތް. އަޅުގަނޑުމެންވެސް މިދަނީ މި ކޮންޓްރެކްޓުގެ އަޕްޑޭޓްތައް ހޯދަމުން. އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަން" ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މާލިއްޔަތު ޤަވާއިދަށް ރިޢާޔަތްކޮށް ހާލަތަށްބަލައި ކުރަންޖެހޭ ޚަރަދުތަށްކޮށްގެން ދައުލަތުން ޞިއްޙީ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ޤާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް"
މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެމިނިސްޓްރީން މަސައްކަތްކުރީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ވީއެންމެ އަވަހަށް ވީހާވެސް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވަމުން ފިނެންސް މިނިސްޓަރ އަމީރުވަނީ ދައުލަތުގެ މާލީކަންކަން އެންމެ ރަނގަޅުގޮތުގައިދޭތޯ ބެލުމަށާއި ޚާއްސަކޮށް އޮޑިޓްރިޕޯޓްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

މަޤާމާ ހަވާލުވި ދުވަހުން ފެށިގެންވެސް އެންމެ ބޮޑު އަމާޒަކަށް ހެއްދެވީ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށްކަމަށާއި އެކަމުގައި މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް މާލިއްޔަތު ކޮމިޓީއަށްދެއްވި މައުލޫމާތުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުވަނީ ވިދާޅުވެފައެވެ.