ވިޔަފާރި

އެސްޑީއެފްސީގެ ލޯނުތައް ދެއްކުން ފަސްކުރަން ނިންމައިފި


އެސްޑީއެފްސީން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް ނިންމައިފިއެވެ.

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދު ވިދާޅުވީ ފަސްކޮށްދޭނީ އެސްޑީއެފްސީން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައްކަމަށެވެ. އަދި އޭގެ ތެރޭގައި ކޯވިޑްއާ ގުޅިގެން ދޫކޮށްފައިވާ ލޯނުތައް ނުހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލޯނުތައް ފަސްކުރުމާ ގުޅޭ ތަފްސީލް އެސްޑީއެފްސީން ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް ޒީނާދު ވިދާޅުވިއެވެ.

އެސްޑީއެފްސީގެ ލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްފައިވާތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެސްޑީއެފްސީން އަމަލުކުރި ގޮތަށް ރާއްޖޭގެ ބޮޑެތި ބެންކުތަކުންވެސް މިހާލަތުގައި ކަންކަން އިންތިޒާމް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެސްޑީއެފްސީން ވަނީ މިއަހަރު މާޗުމަހުވެސް އެބެންކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދީފައެވެ. އެގޮތުން ކޮވިޑް19 އާއެކު އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ މާޗުމަހުން ފެށިގެން 6 މަސްދުވަހުގެ ނިޔަލަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދީފައެވެ. އަދި މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ވަނީ ކުޑަކޮށްދީފައެވެ.

އެސްއެމްއީ ބޭންކު މެދުވެރިކޮށް ޖުމްލަ 6 ދާއިރާއަކުން ލޯނު އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ވިޔަފާރި ތަރައްޤީ ލޯނާއި، ހަރުމުދާ ގަތުމަށް ލޯނު ދޫކުރުމާއި، ދަނޑުވެރި ނަފާ ލޯނާއި، ވިޔަފާރި އެހީ ލޯނާއި، ރަށުފަތުރު ލޯނާއި، ފަށާ ވިޔަފާރި ލޯނު ހިމެނެއެވެ. ކޯވިޑް19އާ ގުޅިގެން ވަގުތީގޮތުން ފަށާވިޔަފާރި ލޯނު ދޫކުރުން ވަނީ މަޑުޖައްސާލާފައެވެ.

އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުތައް ދޫކުރަނީ 6 އިންސައްތަ އިންޓްރެސްޓް ރޭޓުގައެވެ. މި ލޯނުތައް އަނބުރާ ދެއްކުމަށް 3 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އިން ހިންގާ އެސްއެމްއީ ބޭންކަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރު މާޗުމަހު ސަރުކާރުން ހުޅުވާފައިވާ އިދާރާއެކެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށާއި ޒުވާނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.