ޒަމާނަށް އައި ބަދަލާއެކު ރާއްޖޭގެ އިޤްތިޞާދުގެ ނާރެހަކީ ފަތުރުވެރިކަމަށްމިވަނީ ވެފައެވެ. ރާއްޖެއިން ފަތުރުވެރިންނަށް ވިއްކާ އެންމެ ބޮޑު އެއްޗަކީ ދިވެހީންގެ ސާފު ދޮންވެލި ގޮނޑުދޮށްތަކާއި، ފަރުތަކެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ސާފު ކުރެވި ބެލެހެއްޓިގެން އައި ރީތި ދޮންވެލި ގޮނޑުދޮށްތަކެއް އާންމު ރައްޔިތުންނަށް ބޭނުން ކުރެވެނީ މަދު ފަހަރެއްގައެވެ. ލޯކަލް ޓުއަރިޒަމަށް އަމާޒު ކޮށް ބައެއް ގޮނޑުދޮށްތައް ޚާއްޞަ ވުމާއެކު. އާންމު ރައްޔިތުންވެސް މިކަމުން އުފާ ޙާސިލް ކުރުމުގެ ސަޤާފާތެއް މިވަނީ އާލާވެގެން ގޮސްފައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އައްޑޫސިޓީގެ ގޮނޑުދޮށްތައް ސާފުކޮށް އާންމުންނަށް ބޭނުން ކުރެވޭނެ ހިތްފަސޭހަ މާޙައުލެއް ޤާއިމު ކުރުމުގައި ވާދަވެރި ރޫހެއް އުފެދިގެން ދިޔައެވެ. އެއް އަވަށް އަނެއް އަވަށާދެމެދު ވާދަވެރި ރޫހެއްގައި މަސައްކަތް ކުރަމުން ދިޔަ ރައްޔިތުންގެ ހިތް ނުތަނަވަސް ވެގެން ދިޔައީ އައްޑޫސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނަކާ ގުޅިގެންނެވެ.
އައްޑޫސިޓީ ކައުންސިލުން ނެރުނުގެ އިއުލާނުގައި ބުނެފައިވަނީ ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނޫނުގައި ވެސް އެކަން މަނާކޮށްފައިވާ ކަމެއް ކަމަށާއި މިފަދަ މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެމަސައްކަތް ހުއްޓާލުމަށެވެ.
ފޭދޫ ހިއްކިބިން ސަރަހައްދަކީ ޓުއަރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ސަރަހައްދެއް ކަމަށާއި އެސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތް ކުރުމުގެ ސަބަބުން އެ ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ކައުންސިލުގެ އިއުލާނުގައިވެއެވެ. އަދި މިފަދަ މަސައްކަތް ކުރާފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިއިއުލާނަށްފަހު އައްޑޫސިޓީގެ އެއްވެސް އަވަށެއްގަ ކައުންސިލުގެ ހުއްދަނެތި އަތިރިމަތީގެ ބޭނުން ހިފުން މިވަނީ މަނާވެފައެވެ. އައްޑޫގައި އިކޯޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި ލޭންޑް ސްކޭޕް ކުރުމަށް ސިޓީ ކައުންސިލުންވަނީ ދާދިފަހުން ކުންފުނިތަކާއި ހަވާލު ކޮށްފައެވެ.
އައްޑޫސިޓީ ކައުންސިލުގެ މިއިއުލާނާއި ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިމައްސަލައިގައި
އެގޮތުން ފޭދޫގެ ރައްޔިތުން މޫދަށް އެރިއުޅުމަށް ސާފުކޮށް ތައްޔާރު ކުރި މޫދުގެ ބޭނުން ނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން އެންގުމުން ފޭދޫ ރައްޔިތުންގެ ފަރާތުންވާހަކަ ދެއްކި އަބްދުﷲ ރަޝީދު ބުނަނީ ޓޫރިޒަމަށް ދޫކޮށްފައިވާ ސަރަޙައްދު ކައުންސިލުން ވަކި ކޮށްދިނުމަށް ރައްޔިތުން އެދޭކަމަށެވެ.
" ރައްޔިތުންނަށް އެއްވެސް ވަރަކަށް ނޭނގޭ ކޮބާ ކަމެއް އެތަނަކީއެއް. ހައްތާވެސް މިބުނަނީ އަތިރިމަތިންނޭ. ނޫސްބަޔާން ބެލީމާ އަޅުގަނޑު ކަނބޮޑުވެގެން މިއުޅެނީ އަޅުގަނޑުމެންގެ މިތިބަ މައިންބަފައިން ކުށްވެރިވާނީ ކޮންއިރަކުންތޯ ނޭނގިގެން. އޭގެ މާނައަކީ މިމީހާ މިއިނދީ ކުށްވެރި ވެފައިތޯއޭ. ކޮބައިތޯ އެރޮނގު؟ އަޅުގަނޑު މިބުނަނީ މޭޔަރާއި ކައުންސިލަރާއި ވަޑައިގެން ކުށްވެރިވާ ރޮނގު ދަމާލަ ދެއްވާށޭ. ދަމާލީމާ ރައްޔިތުންނަށް ފެންނާނެ ރައްޔިތުންގެ ބިމުން އެވިއްކާލީ މިތަންތޯ އެތަންތޯ. ދެން ރައްޔިތުން ނިންމަވާނީ. " އަބްދުﷲ ރަޝީދު ބުނިއެވެ.
އަބްދުﷲ ރަޝީދު ބުނީ ގޮނޑުދޮށް ސާފު ކޮށް ބޭނުން ކުރެވޭ ގޮތަށް ހެދުމަކީ ތިމާވެއްޓަށް ގެއްލުންވާ ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުން ސިފަ ކޮށްފައިވާކަމަށާއި، މިކަން ހައްލު ކުރުމަށް ރައްޔިތުން ތިބީ ސިޓީ ކައުންސިލާ މަޝްވަރާ ކުރަން، ތައްޔާރަށް ކަމަށެވެ.
މިކަމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، ފޭދޫގެ އެސަރަހައްދު ޓުއަރިޒަމަށް ދޫކުރަން 2017 ވަނަ އަހަރު ނިންމާފައިވާ ކަމަށެވެ. އަދި 2019 އަހަރު ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެސަރަހައްދު ކަނޑައަޅާފައިވާ ކަމަށެވެ. މޭޔަރ ވިދާޅުވި ގޮތުގައި މިސަރަހައްދުން އިކޯ ޓުއަރިޒަމަށް ބިން ދޫކުރަން ހުޅުވީ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހުކަމަށެވެ. މޭޔަރވަނީ އައްޑޫ ސިޓީގެ ގޮނޑުދޮށް ވިއްކާލި ކަމަށް ދެކެވޭ ވާހަކަވެސް ދޮގުކޮށްފައެވެ.
ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެން އައްޑޫގެ ގޮނޑުދޮށްތަކުގައި ބީޗް ހެދުމަށް ކުރާ މަސައްކަތްތަކުގައި މީގެ ކުރީންވެސް އެހީތެރިކަން ފޯރު ކޮށްދީފައިވާނެ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި އެތަންތަން ހެދުމުގައި ދާއިމީ ބިނާއެއް ހެދުމާއި، ގަސްކަނޑާ ހެދުމަކީ އީއައޭ ނަހަދާ ކުރުން މަނާ ކަމެއް ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
އައްޑޫސިޓީގެ ގިނަ އަވައްތަކެއްގެ ރައްޔިތުންވަނީ މިދިޔަ ދުވަސްތަކުގައި ނިކުމެ ގޮނޑުދޮށް ސާފުކޮށް ބީޗްތަކެއް ހަދާފައެވެ. އަދި މިސަރަހައްދުތަކުގައި ހިތްފަސޭހަ ކޮށްލަން މީހުންނަށް ތިބެވޭނެ ހެން މިތަންތަން ވަނީ ޒީނަތްތެރިކޮށްފައެވެ. ސިޓީ ކައުންސިލުގެ މިއިއުލާނާއި އެކު ރައްޔިތުންގެ ގިނަ ކަނބޮޑުވުން ތަކެއް ހުރި އިރު، މިހާރުވެސް މިގޮތަށް ތައްޔާރު ކުރެވިފައިވާ ބީޗްތައް ރައްޔިތުން ދަނީ ބޭނުން ކުރަމުންނެވެ.