ޚަބަރު

ޤައިދީންނަށް ފޮނުވާ އަންނައުނު ކަރެކްޝަނަލް ސަރވިސްގެ ހެޑްއޮފީސް މެދުވެރިކޮށް ފޮނުވޭނެގޮތް ހަދައިފި


ޤައިދީންނަށް އާއިލާތަކުން ފޮނުވާ ބައެއް ތަކެތި ކަރެކްޝަނަލް ސަރވިސްގެ ހެޑްއޮފީސް މެދުވެރިކޮށް ފޮނުވޭގޮތަށް ބަދަލުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދު ވިދާޅުވީ ގައިދީންނަށް އާއިލާއިން އަންނައުނު ފޮނުވުން މެދު ކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ ގޮތުން މާލޭ ޖަލުން ކުރަމުންދިޔަ މަސައްކަތް މިއަދުން ފެށިގެން އެސަރވިސްގެ ހެޑުއޮފީހަށް ބަދަލުކުރެވިފައިވާކަމަށެވެ.

މިގޮތަށް ބަދަލުގެނައީ މިވަގުތައް ޖަލަށް ޒިޔާރަތްކުރުން މަދުކުރުމަށް ކަމަށާއި، މިބަދަލާއި އެކު، މެދު ކެނޑުމެން ނެތި އާއިލާއިން ގައިދީންނަށް އަންނައުނު ފޮނުވޭނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ޖަލުގައި ތިބި 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަރެކްޝަނަލްއިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޖަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައިވެއެވެ.