ޚަބަރު

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ޢިމާދު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި


މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަހްމަދު އިމާދު އައްޔަންކުރަން ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ޑެޕިއުޓީ ގަވަރަނަރުގެ މަޤާމަށް އައްޔަންކުރުމަށް އިމާދުގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މަޖިލީހަށް ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދުވަނީ އޭނާއާ އިންޓަރވިއުކޮށްފައެވެެ.

އިމާދު އެމަޤާމަށް އައްޔަންކުރަން ފެންނަކަމަށް ފާސްވީ ކޮމިޓީގައި ބައިވެރިވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

މަރުކަޒީ ބޭންކުގައި އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ ވޭތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައިވެސް މަނިޓަރީ ޕޮލިސީ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އަދި އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ 2 ދައުރު އެމަޤާމު ފުރުއްވާފައެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރަން ފޮނުއްވި އިމާދު ވަނީ، އިނގިރޭސީވިލާތުން އިކޮނޮމިކްސް އަދި ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި މެލޭޝިއާއިންވެސް އޭނާ ވަނީ ހަަމަ އެ ދާއިރާތަކުން މަތީ ތަޢުލީމް ހާސިލުކުރައްވާފައެވެ.