ޚަބަރު

ހިއުމަން ރައިޓްސް ކޮމިޝަނަށް 3 މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި


ހިއުމަން ރައިޓްސް ކޮމިޝަނަށް 3 މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުންގެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޑޯރެންސީ ވިލާ، އާމިނަތު ޝަފާޢަތު އަބްދުއްރައްޒާޤް އާއި މ. ޖިއެނާ މުއުމިނާ ވަޙީދުގެ އިތުރުން މއ. މާވެޔޮގެ ޑރ. އަޙްމަދު އަދުހަމް އަބްދުﷲ އެވެ.

މިބޭފުޅުންގެ ތެރެއިން ޑރ. އަޙްމަދު އަދުހަމް އަބްދުﷲ އާއި މުއުމިނާ ވަޙީދު އެޗްއާރުސީއެމްގެ މެންބަރަކަށް އަޔަންކުރަން ފެންނަކަމަށް ފާސްވީ 61 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.

އަދި އާމިނަތު ޝަފާޢަތު އަބްދުއްރައްޒާޤް އެޗްއާރުސީއެމްގެ މެންބަރަކަށް އަޔަންކުރަން ފެންނަކަމަށް 58 މެންބަރުންވަނީ ވޯޓުދީފައިވެއެވެ.

އެކޮމިޝަނުން ހުސްވެފައިވާ 4 މެންބަރުންގެ ތެރެއިން 3 މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 8 ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބުނު ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ޢަޣްލަބިއްޔަތުންވަނީ ފާސްކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް 3 ބޭފުޅުން އައްޔަންކޮށްފައިވަނީ އެ ކޮމިޝަނުގެ 4 މެންބަރެއްގެ މަޤާމު ހުސްވެފައިވަނިކޮށެވެ. އަދި މީގެ ތެރެއިން ތިން މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ 8 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

އެޗްއާރުސީއެމަށް އައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.