ޚަބަރު

މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ އެޖެންޑާގައިވާ ކަންކަން ނިމެންދެން ކުރިއަށްގެންދަން ނިންމައިފި


މިއަދު ކުރިއަށްދާ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ އެޖެންޑާގައިވާ ކަންކަން ނިމެންދެން ކުރިއަށްގެންދަން ނިންމައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33ވަނަ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މިޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. ޖަލްސާގެ ވަގުތު އިތުރުކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 27 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ފާސްކުރުމުގެ އިތުރުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ބިލު 2020އާއި، ތައުލީމީ ބިލުގެ އިތުރުންވެސް އިތުރު ބިލްތަކެއް ފާސްކުރުން މިއަދުގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން ސެކިއުރިޓީ އިޝޫކުރުމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުއްވާފައިވާ
މައްސަލައާމެދުވެސް މިއަދުގެ ޖަލްސާގައި ބަހުސްކޮށް ގޮތެއް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

އެޖެންޑާގައިވާ ހުރިހާ މަސައްކަތްތައް ނިމެންދެން މަޖިލީހުގެ މެންބަރުން މިއަދު މަޖިލީހުގެ އިދާރާގައި ތިއްބެވުމުގެ މުހިއްމުކަން މަޖިލީހުގެ ރިޔާސަތުން މިއަދުވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ނިންމަންހުރި ހުރިހާ މަސައްކަތްތަކެއް ނިމުމުންކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.