ކުޅިވަރު

އަޔަކްސްގެ ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވަނީ


އަޔަކްސްގެ މިޑްފިލްޑަރ ޑޯނީ ވެން ޑަ ބީކް އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުމާއި ގާތަށް ޖެހިލައިފިއެވެ.

އުމުރުން ތޭވީސް އަހަރުގެ ވެން ޑަ ބީކް ކުލަބު ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް އަޔަކްސްގެ ކޯޗް އެރިކް ޓެން ހަގްވެސް ވަނީ ދީފައެވެ. އެގޮތުން އެކުލަބުން އެންމެ ފަހުން ހޮނިހިރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި އޭނާ ހިމެނިފައި ނުވާއިރު، ވެން ޑަ ބީކްގެ ކުރިމަގާއިމެދު އޭނާ ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ކޯޗް އެރިކް ޓެން ހަގްވެސް ވަނީ ބުނެފައެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތގައި އޭނާ އަންނަނީ ޔުނައިޓެޑާއިއެކު މަޝްރާތަށް ކުރިއަށް ގެންދަމުންނެވެ އަދި މިހާރު ޔުނައިޓެޑާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް ޔުނައިޓެޑާއިއެކު ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އަދި ޔުނައިޓެޑުން ރަސްމީކޮށް މިކަމުގައި ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

އަޔަކްސްގައި ވެން ޑަ ބީކް މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމާއިއެކު ބޮޑެތި ކުލަބުތަކުން އަންނީ އޭނާއަށް ފާރަލަމުންނެވެ. ޑޮނީ ވެން ޑަ ބީކް ވަނީ މިދިޔަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ހިސާބަށް އަޔަކްސް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ވެން ޑަ ބީކް ޔުނައިޓެޑާއި ގުޅިއްޖެނަމަ އޭނާ ވާނީ މިފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑުން ގެންނަ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރިޕޯޓްތައް ބުނާގޮތުން ކޯޗް އޮލެގަނަ ސޯލްޝެއާ އެންމެ ބޭނުންވާ ކުޅުންތެރިއަކީ ބޮރޫޝީއާ ޑޯޓްމުންޑްގެ ފޯވާޑް ސަންޗޯއެވެ.