ޚަބަރު

ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގައި ޚާއްސަ ޗުއްޓީއެއް ދޭންޖެހޭގޮތަށް ޢާއްމު ޞިއްޙަތުގެ ބިލު މަޖިލީހުން ފާސްކޮށްފި


ކޯވިޑް-19ގެ ޙާލަތުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމްކުރާ ޙައްޤުތައް ބަޔާންކޮށް ހުށައަޅާފައިވާ "ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ބިލު 2020" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެެ.

މިބިލް ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 57 މެންބަރުންގެ ޢިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މި ބިލަށް ގެނައި މުހިއްމު އިސްލާޙްތަކުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގައި މުސާރައިން ނުކެނޑޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެ އިތުުރުން ކޯވިޑް-19ގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށްވެސް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުމަށްވެސް ކޮމިޓީންވަނީ ބިލަށް އިސްލާޙް ގެންނަވާފައެވެ.

ޖުމުލަ 12 އިސްލާހެއް މި ބިލަށް ހުށައަޅާފައިވާއިރު މިއީ ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އެކި ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

މި ބިލު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން ޤާނޫނުގައިވާ ގޮތަށް އެ ކަންކަމަށް އަމަލުކުރަމުންދިޔަނަމަވެސް މިޤާނޫނަށް އަމަލުކުރާނީ ކޯވިޑް-19ގެ ހާލަތު ނިމި އިތުރު 2 މަސް ދުވަހަށެވެ. އެއަށްފަހު މި ޤާނޫނު އުވިގެންދާނެއެވެ.