ޚަބަރު

ޖިންސީފުރައްސާރައާ ގޯނާކުރުން ހުއްޓުވުމަށް މީޑިއާ ތަމްރީންކުރުން


މީޑިއާތަކުން
މުޖުތަމަޢުގައި ތިބޭ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ
ޚަބަރުތައް ގެނެސްދިނުމުގައި ތަފާތުތަކެއް ހުރިކަން ޤަބޫލުކުރަންޖެހޭކަމަށް
ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު
މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން އިންތިޒާމުކޮށްގެން
ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް މީޑިއާތައް
އަހުލުވެރި ކުރުމަށް މިއަދު ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމުމުގެ
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބަންޑާރަނައިބު ވިދާޅުވީ ޚާއްސަ އެހީ ބޭނުންވާ
ފަރާތްތަކުގެ ޚަބަރުތައް ގެނެސް ދިނުމުގައި ސިޔާސީ، މަދަނީ އަދި އިޤްތިސާދީ
ޚަބަރުތައް ގެނެސްދިނުމާއި ތަފާތުތަކެއް ހުރިކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި
މިކަންކުރުމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިނުގަނެ ހުރަސްނޭޅޭގޮތަކަށް
މިކަންކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.



މިޕްރޮގްރާމްގެ
މައުޟޫއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން 
ބަންޑާރަނައިބު ވިދާޅުވީ، ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ
މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރަށް މުވައްޒަފުން މަސައްކަތްކުރާ
ކޮންމެ ތަނެއްގައިވެސް ހިނގާފާނެ ކަމެއްކަމުގައި ބަލައިގަންނަން ޖެހޭކަމަށެވެ.
ޚާއްސަގޮތެއްގައި ވަޒީފާގެ މާހައުލުގައި ކުރާ ފުރައްސާރައިގެ އުނދަގުލާއި ގެއްލުން
ބޮޑުކަމަށާއި އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް
އެޅުމަށް އެކަމާއި ގުޅޭ ޤާނޫނުތަކުގެ މަޢުލޫމާތު ހުރިހާ ފަރާތްތަކަށް އެނގުން
މުހިއްމުކަމުގައި ބަންޑާރަ ނައިބު ވިދާޅުވިއެވެ.



މިރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
މިނިސްޓަރ މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ އަމަލުތައް ހުއްޓުވުމުގައި މީޑިޔާއަށް ވަރަށް
މުހިއްމު ދައުރެއް އަދާކުރެވޭނެކަމުގައެވެ. މީޑިޔާ ތަކުން ފޯރުކޮށްދޭ އެފަދަ މަޢުލޫމާތުތަކުގެ
އަލީގައި މިފަދަ އަމަލުތަކުގެ ޢަދަދު މަދުކުރެވިގެންދާނެކަމުގައި މުޙައްމަދު
ހުސެއިން ޝަރީފް ވިދާޅުވިއެވެ.



ރާއްޖޭގައި
އަންހެނުންގެ ޙާލަތު މީޑިއާތަކާއި ހިއްސާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމާއި،
ގޯނާ ކުރުމުގެ ޤާނޫނަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރި
ކުރުވުމަށް ގެންދިޔަ މިޕްރޮގްރާމްގައި ހަތް މީޑިޔާއަކުން ބައިވެރިވެފައިވެއެވެ.