ޚަބަރު

ޑރ. މަޢުޞޫމަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


ޓޫރިޒަމް މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ޑރ. ޢަބްދުﷲ މަޢުޞޫމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމްއަށް މަޖިލީހުން ރުހުން ދެއްވުމަށް ފެންނަކަމަށް، ކޮމިޓީން ފާސްކުރެއްވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮމިޓީގައި، އެ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

އޮގަސްޓް 6 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގެ ޙުވާ ޑރ. ޢަބުދުﷲ މަޢުޞޫމް ކުރައްވާފައި ވަނީ، ޤާނޫނާއި ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ލަފާދެއްވުމާއި ގުޅިގެން އަލުން މަޤާމުގެ ހުވާ ޑރ. މަޢުޞޫމްވަނީ ކުރައްވާފައެވެ.

ޑރ. މަޢުޞޫމް އަލުން ހުވާކުރައްވާފައިވަނީ ފުރަތަމަ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކިނުވެ ހުންނެވި މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ޑރ. މަޢުޞޫމް އަލުން ހުވާކުރައްވަން ލަފާ ދެއްވުމާއި ގުޅިގެންނެވެ.

ޑރ. މައުސޫމަށް އަލުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވަނީ އެންމެ ފަހުން ބޭއްވި ޖަލްސާގައެވެ. މިކަމާމެދު ގޮތެއްނިންމަން ވޯޓްނެގުން ބާއްވަން އޮތީ ހޯމަދުވަހު މެދުކަނޑާލި ޖަލްސާގެ ބައެއްގެ ގޮތުގައެވެ.

ހަތްދިހައެއްހާ ވޯޓްނަގަން އޮތް މި ޖަލްސާ މެދުކަނޑާލާފައިވަނި މަޖިލީހުގެ މިދައުރު މުއްދަތު އިތުރުުކޮށް ޖަލްސާގެ ދެންއޮތްބައި އެހެން ދުވަހަކަށް ތާވަލުކުރައްވާނެ ކަމަށް ރިޔާސަތުން އެންގުމަށްފަހުގައެވެ.