ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފި


މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއީ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އަންގާފައި ވާއިރު ރޭވެސް ވަނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކެއް ހިނގާފައިކަމަށެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުން މުހިއްމުކަމަށެވެ.

އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި ޚާއްޞަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާއިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލުކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމާއެކު ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް އެދިވަޑައިންނަވާ ކަމަށެވެ.

އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުންވަނީ އެދިވަޑައިގެންފައި ވެއެވެ.