ޚަބަރު

މިނިވަން ވިޔަފާރި ޤާއިމްކުރުމާބެހޭ 2ވަނަ ބައްދަލުވުން


ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި  ރާއްޖެ އާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ  "ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން" ގެ ދެވަނަ  ބައްދަލުވުން މިއަދު ބާއްވައިފިއެވެ.  މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށްޓަކައ ބާއްވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި  ރާއްޖެއާއި ޗައިނާއާއި ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ މި އެއްބަސްވުމުގެ ދަށުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މުހިއްމު ޤަވައިދުތައް ހެދުމަށް މަގުފަހިވެގެންދާނެއެވެ.މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ޤައުމުން ދިން ޖޮއިންޓް ސްޓޭޓްމަންޓްގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަމުގައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ އިޤްތިސާދީ ތަސައްވަރު ހަޤީގަތަކަށް ހެދުމަށް ޗައިނާގެ ޙިއްސާ މުހިއްމުކަން ވަޒަންކުރެވޭ އެންމެ ބޮޑު ހެއްކަކީ މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖް ކަމުގައި ވިދާޅުވިއެވެ."ދިވެހި ސަރުކާރުން މިތިބީ ޗައިނާ މޯލްޑިވްސް ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ދެވަނަ ބައްދަލުވުމުގެ ނަތީޖާއާއި މެދު ވަކިން ބޮޑަށް ހިތްހަމަޖެހިގެން. މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އިޤްތިސާދާއި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމާއިއެކު ކުރިއަށް ދިއުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. އަދި ޗައިނާއާއި ގުޅިގެން އެ ޤައުމުގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީއާއި ގުޅުންހުރި މައިގަނޑު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު" އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ،މި ރަސްމިއްޔާތުގައި ޗައިނާގެ ވައިސް ކޮމާސް މިނިސްޓަރު މިސް ގާއު ޔޭން ފާހަގަކުރެއްވި ގޮތުގައި މިފަހަރުގެ ދަތުރުފުޅަކީ ވަރަށް ބިނާކުރަނިވި ދަތުރުފުޅެކެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުން އަންގައިދެނީ ދެ ޤައުމުގެދެމެދުގައިވާ ގާތްގުޅުން ކަމުގައި ވިދާޅުވިއެވެ."އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި މުދަލާއި ޚިދުމަތުން ވިޔަފާރިކުރެވި އިންވެސްޓްމަންޓްތައް އިތުރުކޮށް ކުރިއަށް އޮތްތަނުގައި ވިޔަފާރި ފުޅާކުރެވި ދެ ޤައުމުގެ އިޤްތިސާދު ހަރުދަނާކުރެވިގެންދާނެ. އަދި މިކަމުގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންނަށްވެސް ކުރާނެ" މިސް ގާއު ޔޭން ވިދާޅުވިއެވެޗައިނާ މޯލްޑިވްސް ޖޮއިންޓް ކޮމިޓީ މީޓިންގ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ދެވަނަ ބައްދަލުވުން މިއަދު ކުރުނބާ މޯލްޑިވްސްގައި ނިމިގެން ދިޔައިރު މި ބައްދަލުވުމުގެ ނަތީޖާއާއި މެދު ވަކިން ބޮޑަށް ހިތްހަމަ ޖެހޭ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވަނީ ވިދާޅުވެފައެވެ. މީގެ ފުރަތަމަ ބައްދަލު ވުން ބޭއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވެރި ރަށް ބެއިޖިންގް ގައެވެ. ފުރަތަމަ ބައްދަލުވުމުގައިވެސް މިދެ ޤައުމުންވަނީ ޒަމާންވީ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުމާމެދު ހިތްހަމަޖެހޭކަން ފާޅުކޮށްފައެވެ. މަޝްވަރާކުރެވުނު ކަންތައްތަކަށް ބަލާލާއިރު ޗައިނާއިން ކުރިޔަށް ގެންދާ 21 ވަނަ ގަރުނުގެ ޒަމާނީ މެރިޓައިމް ސިލްކްރޯޑް މަޝްރޫޢާގުޅޭ ގޮތުންނާއި، ދޭދޭ ޤައުމުގެ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ގުޅޭ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއާއި ބޮޑެތި ބިޔަ މަޝްރޫޢުތައް ކުރިޔަށްގެންދިއުމާއި ގުޅޭ ގޮތުންނާއި އިޤްތިސާދީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންނާއި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ މީގެ 43 އަހަރު ކުރިންނެވެ. މި ދެ ޤައުމަކީ އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމްކުރާ ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމެވެ. މާޒީއަށް ބަލާއިރު ޗައިނާއަކީ ރާއްޖެއަށް އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އެހީތެރިވަމުން އަންނަ ޤައުމެކެވެ. އެ ގޮތުން މިދިޔަ އަހަރު އެމް ޑަބްލިޔު އެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވެރި ރަށް މާލެ ފެނަށް ޖެހުނު ހިނދުވެސް އެންމެ ކުރީސަފުގައި ރާއްޖެއަށް އެހީތެރިވި ޤައުމުތަކުގެ ލިސްޓުގައި ޗައިނާ ހިމެނެއެވެ. ފާއިތުވި 4-5 އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީވެސް ޗައިނާއިންނެވެ. މިދިޔަ އަހަރު ބޭއްވި ޗައިނާ މޯލްޑިވްސް ޖޮއިންޓް ކޮމިޓީ މީޓިންގ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގ ފުރަތަމަ ބައްދަލުވުމުގައި ކުރިޔަށް ދިޔަ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢުގައި ރާއްޖެ ބައިވެރިވެ ފަހުމު ނާމާގައި ސޮއިކުރުމެވެ. ރާއްޖެއިން ވަނީ އެ މަޝްރޫޢުގައި ބައިވެރިވެ އަމަލީ ގޮތުން ހަރަކާތްތެރިވާން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން މިފަހަރުގެ ބައްދަލުވުމުގައިވެސް ދީފައެވެ. މީގެ އިތުރުން ޗައިނާގެ އިންވެސްޓަރުންނަށްވެސް ރާއްޖެއިން މަރުހަބާ ކިޔައެވެ. މިވަގުތު އެންމެ ފާހަގަކޮށްލަން ޖެހޭ ކަމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތެވެ. ރޭވަނީ މި ބްރިޖްގެ ޑިޒައިން އިފްތިތާހްކޮށްފައެވެ.