ޚަބަރު

މުހިއްމު ނިންމުންތަކެއް އެޖެންޑަގައިވަނިކޮށް މެދުކަނޑާލި ޖަލްސާ އާދީއްތަދުވަހު ކުރިއަށްގެންދަން ނިންމައިފި


މުހިންމު ވޯޓުތަކެއް ނަގަން އެޖެންޑާކޮށްފައިވަނިކޮށް މިދިޔަ ހޯމަ ދުވަހުގެރޭ މެދުކަނޑާލި ޖަލްސާ އަންނަ އާދީއްތަދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިދާރާއިން މިހާރުވަނީ މިދައުރުގެ 33 ވަނަ ޖަލްސާގެ ނުނިމިއޮތްބައި އާދީއްތަ ދުވަހު ހެނދުނު 09:00ގައި ބާއްވާނެކަމަން ހާމަކޮށް ޖަލްސާގެ އެޖެންޑާ ޝާޢިއުކޮށްފައެވެ.

މި ޖަލްސާ މެދުކަނޑާލާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމަށް ރުހުންދިނުމުގެ މައްސަލައާއި އެނޫންވެސް ގިނަ ވޯޓުތަކެއް ނިންމުމަށްކަމަށް މަޖިލީހުގެ ރިޔާސަތުންވަނީ ވިދާޅުވެފައެވެ.

މިޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދެ ބޭފުޅަކު އައްޔަންކުރަން ރުހުންދިނުމާމެދު ގޮތެއްނިންމުމަށް ނަގާ ވޯޓާއި، ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމަށް ރުހުން ދިނުމާމެދު ގޮތެއްނިންމަން ނަގާ ވޯޓުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރުން އައްޔަންކުރަން ވޯޓުނެގުން ހިމެނެއެވެ.

މީގެ އިތުރުން "އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" އާއި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020"ގެ ބިލް ފާސްކުރުމާއި ތަޢުލީމުގެ ބިލާއި، ވަޒީފާއާ ބެހޭ ޤާނޫނުގެ އިސްލާޙުގެނައުމުގެ ބިލުގެ އިތުރުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ބިލް ފާސްކުރުންވެސް އާދީއްތަދުވަހު އޮންނާނެއެވެ.

އާދީއްތަދުވަހު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33ވަނަ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މިޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. މި ޖަލްސާއާއެކު ހިނގަމުންދާ ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްވީ ބްރާސްފަތިދުވަހު ނެގި ވޯޓުގައި ބައިވެރިވި 27 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.