ޚަބަރު

ޕްރަނާބް މުކަރްޖީގެ ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރ ސޮއިކުރައްވައިފި


އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހަރާވުމާ ގުޅިގެން މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ ޝާހިދު ލިޔުއްވި މެސެޖްގައި، އިންޑިއާގެ 13ވަނަ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިކަމަށާއި، ރައީސް ޕްރަނާމް މުކަރްޖީ އިންޑިއާގެ ޚާރިޖީ ވަޒީރުކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި މިނިސްޓަރ ޝާހިދުވެސް ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައި، ދެބޭފުޅުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އުފާ ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އެމަނިކުފާނު 2007 ވަނަ އަހަރު އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަރުޙަބާ ވިދާޅުވީ ރައީސް މުކަރްޖީކަންވެސް މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސް ޕްރަނާބް މުކަރްޖީގެ އާއިލާއަށް މިނިސްޓަރ ޝާހިދުވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ރާއްޖޭގެ އިތުރުން ބޭރުގެ އެހެން ޤައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންތަކުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރާއްޖޭގެ ސަފީރުންވަނީ ސޮއިކުރައްވާފައެވެ.