ކުޅިވަރު

އިންތިޚާބުގެ މައްސަލަ ކޯޓު ތެރެއިން ގެންދަން ކުރާ މަސައްކަތަކީ ޒާތީ މަސްލަހަތު އިސްކޮށްގެން ކުރާ ކަމެއް: ސުޖާއު


ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބީ މައްސަލަ ކޯޓު މަރުޙަލާގެ ތެރެއިން ގެންދަން ކުރާ މަސައްކަތަކީ ޓީޓީ އާއިލާގެ ތެރެއިން ބަޔަކު ޒާތީ މަސްލަހަތު އިސްކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެއެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބާއި ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނީ އެސޯސިއޭޝަންގެ މިހާރުގެ އެކްސްކޯ މެމްބަރު އަލީ އާދަމްއެވެ.

އެމައްސަލައަކީ ސްޕޯޓްސް ކޮމިޝަނަރ އާއި ކުޅިވަރާބެހޭ ގައުމީ މަޖިލިސް މެދުވެރިކޮށްވެސް ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު މިނިވަން މުސްތަގިއްލު އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ބޭއްވޭނެކަމަށް ގަބޫލު ނުކުރެވޭނެކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން ހިއްސާކުރުމަށް މިއަދު އެސޯސިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިސްމާއިލް ސުޖާއު ވިދާޅުވީ، އިންތިޚާބުގެ އެންމެހާ ކަންކަން ކުރިއަށް ގެންގޮސްފައިވާނީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި އެއްގޮތަށް ކަމަށާއި، އިންތިޚާބާއި ގުޅުންހުރި ހުރިހާ ކަމެއް އެސޯސިއޭޝަންގެ ބެލެނިވެރި ފަރާތްކަމުގައިވާ ކޮމިޝަނާ އޮފް ސްޕޯޓްސް އަށާއި، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށްވެސް ފުރިހަމައަށް ހިއްސާކުރަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބާއި ގުޅޭގޮތުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާއިގުޅިގެން އެފަރާތްތަކުން ދިން ޖަވާބުގައިވެސް އިންތިޚާބު ބޭއްވުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ހާމަވާކަން ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ އިންތީޚާބީ އެއްވެސް ކަމަކާގުޅިގެން ކޯޓު މަރުހަލާއިން ނިންމަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، އިންތިޚާބުގެ ކަންކަމުގައި ގޮތް ނިންމާނީ އިލެކްޓޯރަލް ކޮމިޓީން ކަމަށެވެ. އަދި އެކޮމިޓީއަކީ އެސޯސިއޭޝަންގެ އެއްވެސް ނުފޫޒެއް ނެތި މިނިވަން މުސްތަގިއްލު ކޮމިޓީއެއްކަން ސުޖާއު ފާހަގަކުރެއްވިއެވެ.

ސުޖާއު ވިދާޅުވީ، އިންތިޚާބީ ކަންކަމުގައި ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ދެއްވި ޖަވާބަށް އިހުތިރާމް ކުރާކަމަށާއި އެފަރާތަށް އިތުބާރު އެބައޮތްކަން ހާމަކޮށް ދުނިޔޭގެ ޓޭބަލް ޓެނިހާބެހޭ މައި އިދާރާ އައިޓީޓީ އެފްއިންވެސް ޓީޓީއޭއެމްއަށް ލިއުން ފޮނުވާފައިވާ ކަމަށާއި، މިމައްސަލަ ކޯޓު މަރުހަލާގައި ވާކަން އައިޓީޓީ އެފަށްވެސް އަންގާފައިވާކަމަށެވެ. އަދި އެސޯސިއޭޝަނާ ގުޅުންހުރި އެއްވެސް ކަމެއް އައިޓީޓީއެފަށް ސިއްރު ނުކުރާނެކަމަށް ސުޖާއު ވިދާޅުވިއެވެ.