ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު އަވަހާރަވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ދަޢުލަތުގެ އެކިއެކި ޢިދާރާތަކުގައި ގިނަ އަހަރުތަތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ޙުސައިން މުޙައްމަދު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޙުސައިން މުޙައްމަދު އަވަހާރަވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

ޙުސައިން މުޙައްމަދަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަތިވެރި ދާއިރާގެ މެންބަރެވެ.

އެމަނިކުފާނަކީ މަޖިލިސް މެންބަރުކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި މީޑިއާގެ ދާއިރާއިން ޓީވީ މޯލްޑިވްސްގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.

އަދި ޓެލެވިޜަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު އަދާކުރައްވާފައިވެއެވެ،

މީގެ އިތުރުން ދިވެހިރާއްޖޭގެއަޑާއި އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރުދުނިޔޭގެ ޚާބަރުތައް ލިޔުއްވާފައިވެއެވެ.

ސިޔާސީ ދާއިރާގައިވެސް އެމަނިކުފާނު ވަނީ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައެވެ، އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ޙުސައިން މުޙައްމަދު ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005ގައެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ޕާޓީ އުފެއްދެވުމާއެކު އެޕާޓީގައި ރައީސް މައުމޫނާއެކު މަސައްކަތް ފެއްޓެވިއެވެ.

އެމަނިކުފާނުވަނީ ވިދިވިދިގެން 3 ދަޢުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިފެން 2009 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބިރީގެ މެންބަރުކަންކުރައްވައި، 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާހަމައަށް 17ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވީ ޙުސައިން މުޙައްމަދުއެވެ.