ޚަބަރު

ބޯޑަރު ބަންދުކުރުމުން ރާއްޖެނާދެވިތިބި ބަޔަކަށް އުސޫލާ ޚިލާފަށް އާސަންދައިން ލައްކައަކަށްވުރެގިނަ ރުފިޔާގެ އެހީދިން - އޮޑިޓްރިޕޯޓް


ކޯވިޑް-19އާ ގުޅިގެން އިންޑިއާ އާއި ސްރީލަންކާގެ ބޯޑަރު ބަންދުކުރުމުން ރާއްޖެ ނާދެވި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ޓިކެޓް ނަގާފައިވާ ތާރީޚު ގެ ކުރީ ދުވަސްތަކަށް ތިން މީހަކަށް 116,807 ރުފިޔާ އާސަންދަ ކުންފުނިން ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، "އެންސްޕާ" އާއި އާސަންދަ ކުންފުނިން ކޯވިޑް-19އާ ގުޅިގެން ޚަރަދުކުރިގޮތުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަމިއްލަ ގޮތުންނާއި، އެންސްޕާ އާއި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި މައްސަލަތަކެއްހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އިންޑިއާ އާއި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންނަށް ހުރުމަށާއި ކެއުމަށްދޭ އެލަވަންސް ދިނުމަށް ކަނޑައެޅި "އޮޕަރޭޓިންގ ޕްރޮސީޖަރ" ގައި އެހީ ދެވޭނީ ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައިވާ ތާރީޚުން ފެށިގެން ލޮކްޑައުން ފިލަންދެން
ނުވަތަ އެމީހުން ރާއްޖެ އާދެވެންދެކަމަށް ބުނެފައިވާއިރު 30 ޖޫން 2020 ގެ ނިޔަލަށް އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ މީހުންގެ ތެރެއިން 3 މީހަކަށް ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރިއަށް އެއްލައްކަ ސޯޅަ ހާސް އަށްސަތޭކަ ހަތް ރުފިޔާގެ ފައިސާގެ އެހީ ދީފައިވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އުސޫލުގައިވާގޮތުން މި ތިން މީހުންނަށް ދޭންޖެހެނީ 28,913 ރުފިޔާއެވެ.

މީގެ އިތުރުން ފައިސާގެ އެހީ ދޭންޖެހޭ ބައެއް ފަރާތްތަކަށް އެއް މުއްދަތަކަށް 2 މުއައްސަސާއަކުން ފައިސާގެ އެހީ ފޮނުވާފައިވާ މައްސަލައެއްވެސް މި އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެނބުރި ރާއްޖެ ނާދެވިފައިވާ 4 ފަރާތަކަށް ފައިސާގެ އެހީ ދިނުމުގައި އާސަންދަ ކުންފުންޏާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކާވީސްހާސް ތިރީސް ތިން ރުފިޔާ އިތުރަށް ދީފައިވާކަން އޮޑިޓަރ ޖެނަރަލްވަނީ ފާހަގަކުރައްވާފައެވެ.

އަދި ނިޔާވެފައިވާ ފަރާތަކަށް ނިޔާވި ތާރީޚުގެ ފަހުން އާސަންދަ ކުންފުންޏާއި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި ނުވަ
ހާސް ހަތަރު ސަތޭކަ ނުވަދިހަ އަށް ރުފިޔާ އެފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުންވެސް ފައިސާގެ އެހީ ދިނުމުގައި އުނިއިތުރު ހުރިކަންވެސް މި އޮޑިޓްރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އާސަންދަ އާއި އެންސްޕާއިން 30 ޖޫން 2020 ގެ ނިޔަލަށް ސާޅީސް ދެ ހާސް ހަތަރު ސަތޭކަ އަށް ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށާއި، އަދި ހަތް ހާސް ފަސް ސަތޭކަ ވިހިރުފިޔާ މަދުން ޚަރަދުކޮށްފައިވާކަން ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

މިކަންކަމުގެ ސަބަބުން، ދައުލަތުން ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރެވިފައިވާކަން ފާހަގަކޮށް އޮޑިޓަރ ޖެނަރަލްވަނީ ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބުނު ގެއްލުމެއްނަމަ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެކަން މިރިޕޯޓުގައި ފާހަގަކޮށްފައެވެ.