ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 80 މީހުން


ރާއްޖެއިން އިތުރު 60 ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، މި ބަލި ޖެހުނު ދިވެހިންގެ އަދަދު 5221އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެއިން އިތުރު 80 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 3 މީހެއްގެ އިތުރުން ޔޫކުރެއިންގެ މީހަކާއި ފްރާންސްގެ މީހެކެވެ.

އަލަށް ޕޮޒިޓިވްވި 80 މީހުންގެ ތެރެއިން 77 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ޖުމްލަ 8361 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5221 މީހުންނަކީ ދިވެހިންނެވެ. އަދި 3150 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 159 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5642އަށް އިތުރުވެފައެވެ. މިވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 2684 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 162 މީހަކަށް ފަރުވާ ދެމުންދަކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ރާއްޖެއިން 118،384 ސާމްޕަލް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 39 ރަށަކުންނާއި، 20 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 17 ފަތުރުވެރިއަކާއި، 45 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.