ޚަބަރު

ޙުސައިން މުޙައްމަދަކީ ޤައުމީ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލަށް ލޯބިކުރެއްވި، ހިތްތިރި ބޭފުޅެއް - ރައީސް


މަރުޙޫމް ޙުސައިން މުޙައްމަދަކީ ޤައުމީ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލުން ކަންކަން ޙައްލުކުރެއްވުމަށް އިސްކަންދެއްވި ހިތްތިރި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޓީވީމޯލްޑިވްސްގެ ކުރީގެ އިސްވެރިޔާ އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ޓީވީއެމްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނު ޓެލެވިޜަން މޯލްޑިވްސްގައި ފުރަތަމަ މަސައްކަތްކުރެއްވިއިރު ވެރިއަކަށް ހުންނެވީ ޙުސެއިން މުޙައްމަދުކަމަށެވެ.

އެގޮތުން ޓީވީއެމްގައި އޭރު އުޅުއްވި ދުވަސްވަރު ޙުސައިން މުޙައްމަދު އެމަނިކުފާނަށް އިތުބާރުކުރައްވައި ގިނަމަސައްކަތްތަކެއް ހަވާލުކުުރައްވައި ހިތްވަރުދެއްވުމުގެ ސަބަބުން މަސައްކަތްތަކުގައި ކުރިއަށްދިއުމަށް ބޮޑު ހިތްވަރެއްލިބިގެންދިޔަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި އޭގެފަހުން ރައްޔިތުންގެ މަޖިލީހުގައި ތަފާތު ސިޔާސީ ފިކުރެއްގައި މަސައްކަތްކުރެއްވިއިރު ޤައުމީ ކަންކަމުގައި މަސްލަޙަތު އިސްކުރައްވައި މަޝްވަރާގެ އުޞޫލުން މަސައްކަތްކުރައްވަން އިސްކަންދެއްވިކަމަށާއި ވަކިވެގެންދިޔައީ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ވާހަކަދައްކައިގެން ކަންތައްތައް ހައްލުކުރެއްވި އަދި އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ޙުސއިންއަކީ. ސިޔާސީ ކަންތައްތަކުގައި މަސައްކަތްކުރިއިރުވެސް އަޅުގަނޑަށް ވަރަށްގިނަ ލަފާދެއްވި ބޭފުޅެއް. ދަތި އުނދަގޫ ވަގުތުތަކުގައިވެސް ކައިރީގައި ހުންނަވައިގެން މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅެއް އަޅުގަނޑުގެ ދުޢާއަކީ ޙުސެއިންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސް ނަސީމް ވިދާޅުވީ މަރުޙޫމް ޙުސައިން މުޙައްމަދަކީ ޢާއިލާއާ ރަޙްމަތްތެރި ބޭފުޅެއްކަމަށާއި މިހާތަނަށް އެކުގައި ހޭދަވި ދުސްތަކުގައި އޭނާއަކީ ތަފާތު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނުކަމަށެވެ. އަދި ޙުސައިން މުޙައްމަދު ނެތިދިއުމަކީ ލިބިގެންދާ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"އެއްވެސް މީހަކާ ދޭތެރޭގައި އެއްވެސްކަހަލަ ނުބައިހިތެއް ދުވަހަކުވެސް އޮތް ބޭފުޅެއްނޫން. ޙުސައިން މުޙައްމަދަކީ. ވަރަށް ހިތްހެޔޮ ބޭފުޅެއް. ޙުސައިން މުޙައްމަދު ނެތުމަކީ ޓީވީމޯލްޑިވްސްއަށްވެސް ލިބޭ ފަޅުކަމެއް. ގިނަ ގުނަ ޚިދުމަތްތަކެއް މިދާއިރާއަށްވެސް އަދި ތަޢުލީމީ ދާއިރާއަށްވެސް އެމަނިކުފާނުވަނީ ކޮށްދެއްވާފައި. "ނާއިބު ރައީސް ވިދާޅުވިއެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެއަޑާއި އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރުދުނިޔޭގެ ޚަބަރުތައްވެސް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.