ޚަބަރު

ކޯވިޑް-19 ޕީއެސްއެމް ނިއުސްރޫމަށް، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ވަކި ޗެނަލެއްގެ ގޮތުގައި "ޕީއެސްއެމް ނިއުސް" ހިންގަން ފަށާފައިވަނީ 2017ވަނަ އަހަރުއެވެ. މިއީ ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން ޕީއެސްއެމްއިން އުފެއްދި ފުރަތަމަ ޗެނަލްވެސްމެއެވެ.

24ގަޑިއިރު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް، ޕީއެސްއެމްގެ ނިއުސް ޓީމުން މަސައްކަތްކުރަނީ ދެ ޝިޕްޓަކަށް ބަހާލައިގެންގެނެއެވެ.

ޢާއްމު ރައްޔިތުންނަށް ބޭނުންވާ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތާއި މަންޒަރުތަށް ގެނެސްދިނުމަށް މަދު މުވައްޒަފުންގެ މި ޓީމުން ފެށުނީއްސުރެވެސް ބުރަ މަސައްކަތްކަތްތަކެއް ކުރެއެވެ. މިއީ ކޯވިޑް-19ގެ މި ޙާލަތުގެ މަޢުލޫމާތު ގެނެސްދިނުމަށްވެސް އެންމެ ކުރީސަފުގައި މަސައްކަތްކުރާ އެއް ނިއުސް ޓީމެވެ.

ޚަބަރުތަކާއި ޕްރޮގްރާމްތަކުގައި ގޭގެ ސިޓިންގް ރޫމުތަކުގައި ތިބެގެން ތިޔަ ފެންނަ މޫނުތަކުގެ އިތުރަށް، މިމަސައްކަތުގެ ފަހަތުގެ އެތަށް ބައެއްގެ ބުރަ މަސައްކަތް ހިމެނެއެވެ. އެންމެ ޚަބަރެއް ގެނެސްދިނުމުގައިވެސް ކެމެރާމަނުންނާއި، ޕްރޮޑަކްޝަން ޓީމާއި، އެޑިޓަރުންނާއި، އިދާރީ މަސައްކަތުގައި މަސައްކަތްކުރާ މީހުންގެ ޙިއްސާ ވަރަށްބޮޑެވެ.

ކޯވިޑް-19ގެ ސަބަބުން މަހަކަށްވުރެ ގިނަދުވަހު ސްޓޭޝަންގައި ފުރަބަންދުގައި ބައެއް މުވައްޒަފުންތިބިއިރު އެމީހުންގެ މަސައްކަތުގައި ބައިވެރިވެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ގޭގައި ތިބި މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވެއެވެ. މިއީ މީގެކުރިން ނިއުސްޓީމުން ކޮށްފައިނުވާ އައު ތަޖުރިބާއެކެވެ.

ފުރަބަންދުގައި މި ނިއުސްރޫމަކީ އަޅުގަނޑުމެންގެ ގެއެވެ. ބަދިގެއެވެ. މިސްކިތެވެ. ދިރިއުޅުމުގެ ހުރިހާކަމެއް އަޅުގަނޑުމެން ކުރީ މިތަނުގައެވެ. އަޅުގަނޑުމެންގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ ތެދުވެރިކާމާއެކު ޤައުމުގެ ޙާލަތު ރައްޔިތުންނާހަމައަށް ގެނެސްދިނުމެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުން ހުއްޓުނަ ނުދިނުމެވެ.

ފުރަބަންދަށްފަހު ލިބުނު ލުއިތަކާއެކު ޙާލަތު ކޮންމެވެސްވަރަކަށް ބަދަލުވިއެވެ. އަނެއްކާވެސް 2 ޝިފްޓަކަށް ބަހާލައިގެން ގައިދުރުކަމާއެކު މަސައްކަތް ފެށީ އައު ހިތްވަރަކާއެކުއެވެ. ގޭގައި ތިބެގެން މަސައްކަތްކުރަންޖެހޭފަދަ ޙާލަތުގައި ތިބި މީހުން ތިބީ މިހާތަނަށްވެސް ގޭގައެވެ.

މިހާރު މިއޮތީ އަނެއްކާވެސް އާދަޔާ ޚިލާފު ޙާލަތެއް ނިއުސްރޫމަށް މެދުވެރިވެފައެވެ. މިއީ އަޅުގަނޑުމެންގެ ނިއުސްރޫމަށް ހިތްދަތި އެހާމެ ފަޅު ދުވަސްކޮޅެކެވެ. ކޯވިޑް-19އާ ގުޅިގެން އެކަކު އަނެކަކު ދިމާވުން ވީހާވެސް މަދުކުރުމަށް ވޭތުވެދިޔަ މަހެއްހާދުވަހު މަސައްކަތްކުރަމުން އައީ ޚާއްސަ އުސޫލަކުންނެވެ.

ނޫސްވެރިންގެ މަސައްކަތަކީ އެންމެ ކުރީ ސަފުގެ މަސައްކަތެކެވެ. އެހެންކަމުން އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ހަމަ ކޮންމެ ވަގުތަކުވެސް މި ނުރައްކާ އަޅުގަނޑުމެންނާ ހަމައަށް އަތުވެދާނެކަމަށް ބަލައިގެންނެވެ. ޕީއެސްއެމް ނިއުސްރޫމްގެ 2 މުއައްޒަފަކު ޕޮސިޓިވްވެ، 7 މުއައްޒަފަކުވަނީ މިވަގުތު އެކަހެރިކޮށްފައެވެ.

މިއާއެކު ތިން ހަތަރު ޖާނަލިސްޓަކު ފިޔަވައި އެހެން އެންމެން މިވަގުތު ތީބީ ގޭގައާއި ކަރަންޓީނުގައެވެ. އެހެންކަމުން ޚަބަރު ހުށަހެޅުމާއި، އެކިއެކި އިވެންޓުތައް ކަވަރުކުރުމާއި، ލައިވް ޕްރޮގްރާމްތައް ހުށަހެޅުމުގައި 24ގަޑިއިރު ޙަރަކާތްތެރިވަމުންދަނީ މި މަދު މުވައްޒަފުންނެވެ.

މިއީ ނިއުސްރޫމްގެ މަސައްކަތުގެ މާޙައުލަށް ލިބުނު ބޮޑު ފަޅުކަމެކެވެ. ގެއްލުމެކެވެ. އެހެންނަމަވެސް މިޓީމުގެ ހަމަ އެންމެ މެމްބަރެއްގެވެސް ޢަޒުކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޕޮޒިޓިވްވި މުވައްޒަފުންނައި ކަރަންޓީނުގައި ތިބި މުވައްޒަފުންވެސް އެތިބިތަނެއްގައި ތިވެގެން ކުރެވެން އޮތް މަސައްކަތެއް ދަނީ ކުރަމުންނެވެ. ބަލި ޙާލުބޮޑުވެ ނުތެދުވެވޭވަރު ވަންދެން ޚިދުމަތްކުރުމަކީ މި މުވައްޒަފުންގެ ޢަޒުމެވެ.

ކޮންމެ ޙާލަތެއްގައިވެސް ޕީއެސްއެމްގެ ފޯކަސްއަކީ މެދުނުކެނޑު ތިބޭފުޅުންގެ ގޭގެ ސިޓިންރޫމާއި ހަމައަށް ޚަބަރާއި މަޢުލޫމާތު ގެނެދިނުމެވެ.