ޚަބަރު

ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް


ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި 47 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާ އެކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާފައިވާ ވީޑިއޯއެއް ސޯޝަލް މީޑީއާގައިވަނީ ދައުރުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ލައިވްކުރި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ބަލާނެކަން ކޮމިޝަނުންވެސްވަނީ ހާމަކޮށްފައެވެ.