ޚަބަރު

ކޯވިޑް ޖެހޭ މީހުންގެ ޢަދަދު މަދުވާންފަށާނެ ކަމަށް އަންދާޒާ ކުރެވެނީ މިމަހުގެ ފަހުކޮޅުން ފެށިގެން - ޑރ. ޝީނާ


މާލެ ސަރަހައްދުގައި ކޯވިޑް-19ޖެހޭ މީހުންގެ އަދަދު މަދުވާންފަށާނެ ކަމަށް އަންދާޒާ ކުރެވެނީ މިމަހުގެ ފަހުކޮޅުން ފެށިގެން ކަމަށް ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ފަށާފައިވާ "ކޯވިޑް-19 ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ތެރެއިން ގެނެސްދިން ޕްރޮގްރާމެއްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ ކޯވިޑް-19 މާލެއިން ފުރަތަމަ ފެނުނު ހިސާބުން ފެށިގެން މިބައްޔަށް ފަރުވާދިނުމުގެ ކަންކަން އިންތިޒާމުކުރުމަށްޓަކައި މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިން ލުއިތަކަށްފަހު ކުރިން އަންދާޒާކުރެވުނު މިންވަރަށްވުރެ ބޮޑަށް ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެެ.

ޑރ. ޝީނާ ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރުމިވަނީ ކޯވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިހުރި މިންވަރުގައި އަދި ދުވަސްކޮޅެއްވަންދެން ހުރުމަށްފަހު ނުވަތަ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާނެ އެންމެ ބޮޑު މިންވަރަކަށް ދިއުމަށްފަހު މި ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ދަށްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

"މާލެ ސަރަޙައްދުގެ ސިޓުއޭޝަން ދަންނަވަންޏާމު މިހާރު މިއޮތީ ވަރަށް ބޮޑަށް ސްޕްރެޑްވެފަ ދެން މިދާ ޓްރެޖެކްޓްރީއަކަށް ގޮސްފަ ދެން ތިރިވާނީ. ތަންކޮޅެއްކުރިން އޮގަސްޓްމަހުގައި އަޅުގަނޑު ހިއްސާކޮށްލި ޕްރޮޖެކްޝަންތަކެއް. އެހެންވީމަ އެސްޓިމޭޓްކުރެވޭ ސެޕްޓެމްބަރ ފަހުކޮޅަށް ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރިވާނީ. އެެހެންވީމަ އަދި މިލެވަލްގައި ދުވަސްކޮޅެއް ހިފަހައްޓާނެ އެކަމަކު، މިމަހުގެ ފަހުކޮޅަށް އަންދާޒާކުރެވެނީ ދަށްވާން ފަށާނެކަމަށް ޓެރެޖެކްޓްރީ ތިރިވާން ފަށާނެކަމަށް" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރުއޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު ފަރުވާދިނުމަށް ތައްޔާރުކުރި ފެސިލިޓީ ފުރި ފަރުވާދޭންތިބި ޑޮކްޓަރުންނާއި ނަރުހުން އެއްވެސް އަރާމެއްނެތި މަސައްކަތް ކުރަން ޖެހުމުން ވަރަށް ބޮޑަށް ވަރުބަލިވެފައިވުންކަމަށެވެ.

މިއާއެކު މިހާރު އަންދާޒާކުރެވިފައިވާ ގޮތަށް މި މަހުގެ ފަހުކޮޅު ބަލިޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފިނަމަ ނުވަތަ މަދު މިންވަރެއްގައި ހިފެހެއްޓިއްޖެނަމަ ފަރުވާދިނުމުގެ ކަންކަން ޑޮކްޓަރުންނާއި ނަރުހުންނަށް މެނޭޖްކުރެވިދާނެކަމަށާއި ނަމަވެސް އެގޮތަށް މަދުކުރެވޭނީ މީހުން މިކަމަށްދޭ ސަމާލުކަމުގެމައްޗަށްކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.

"މީތި ކިހިނެއްތޯ އިތުރުވާނީ ނޫންނަމަ ދަށްވާނީ އޭތި ޑިޕެންޑްވަނީ މީހުން އުޅޭގޮތުން، ވިޔަފާރިތަކުން ކަންތައްތައް ބަހައްޓާގޮތަކުން އިނގޭތޯ. އެހެންވީމަ އެކަހަލަ ކަމަކަށް މީގެ އަދަދުތައް ބެލެންސްވަނީ. އެހެންވީމަ ޔަޤީންކޮށް ދަންނަވާކަށް ނޭނގެ މި ދެތިން ހަފްތާ ތެރޭގައިވެސް މިވަރަށް މެއިންޓެއިން ކުރެވޭނެއެކޭ. އިރާދަކުރެއްވިއްޔާ މިއަށްވުރެ އިތުރަށް ސްކޭލް މައްޗަށްނުގޮސް ދެން ޑައުންވަރޝަންއެން ފެންނާނެކަމަށް އުންމީދުކުރެވެނީ" ޑރ، ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމައްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަކީ ވީހާވެސް ބޮޑަށް މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުކޮށް އާންމު ދިރިއުޅުމުގެ ކަންކަންވެސް ކުރިއަށްދާނެފަދަ ގޮތަކަށް ބަލައިގެން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށާއި ބަލި ފެތުރުން ބޮޑުތަނުން މަދުނުކުރެވިވަނީ އޭގެސަބަބުންކަމަށެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ އުސޫލުތަކަށް ރަނގަޅުގޮތުގައި ތަބާވެގެންކަމަށާއި ވެކްސިނެއް ލިބި ބަލި ކޮންޓްރޯލް ކުރެވެންދެންވެސް ފިޔަވަޅުތަކަށް ތަބާނުވާނަމަ އާބާދީގެ ބޮޑު ބަޔަކަށް ބަލިޖެހި ރަނގަޅުވަންދެން ދޭތެރެދޭތެރެއިން މުޖުމަތަޢުގެ ތެރެއިން ބަލި ފެންނަމުންދާނެކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

މިދިޔަ މާޗްމަހުގެ 7 ވަނަ ދުވަހު ކޯވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވާއިރު މިވީ 6 މަސްދުވަހުގެ ތެރޭގައި 8,584 މީހުންވަނީ ބަލިޖެހިފައެވެ. އޭގެތެރެއިން 5،936 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިބަލީގައި 29 މީހުންވަނީ ނިޔާވެފައެވެ.