ޚަބަރު

8 ރަށަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދަނީ


8 ރަށެއްގެ ކޯޓުތަކުގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލާފައިފިއެވެ. އެ ކޮމިޝަނުން ޢިއުލާންކޮށްފައިވަނީ މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށެވެ.

މެޖިސްޓްރޭޓުން ހޯދުމަށް ޢިއުލާންކޮށްފައުވަނީ ހދ. ކުޅުދުއްފުށްޓާއި ށ. ފުނަދޫ، ނ. މަނަދޫގެ އިތުރުން ވ. ފެލިދޫއާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އިސް މެޖިސްޓްރޭޓުން ހޯދަނީ ރ. މަޑުއްވަރީ ، ފ. ފީއަލީގެ އިތުރުން ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށެވެ.

ޖޭއެސްސީން ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފައިވާ ރަށްރަށުގެ ތެރޭގައި މިހާރުވެސް މެޖިސްޓްރޭޓުންގެ މައްސަލަތައް އެކޮމިޝަނުން ތަހުޤީގުކުރަމުންދާ ރަށްތަށްވެސް ހިމެނެއެވެ.

މެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުނުވުމާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށް ވެގެން ޑިޕްލޮމާ އޮންނަން ޖެހެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވާންޖެހެއެވެ. ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް މިޤާމަށް ކުރިމަތިލެވޭނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މެޖިސްޓްރޭޓުންނަށް މުސާރައާއި އެލެވެންސްތައް ހިމެނޭހެން 23450 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ. އަދި އިސް މެޖިސްޓްރޭޓުންނަށް އެލަވަންސްތަކާއި އެކު މުސާރައިގެ ގޮތުގައި 25600 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމހުގެ 21 ވަނަދުވަހުގެ ނިޔަލަށް ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. އަދި މި މަޤާމަށްކުރިމަތިލާ ފަރާތްތަކުން ލިޔުންތައް ހުށައަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.