ޚަބަރު

ކޯސްޓްގާޑާއެކު ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އިންޑިއަން ނޭވީގެ ފްލައިޓެއް ރާއްޖެ އަތުވެއްޖެ


ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށްއައި ބޯޓެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އިންޑިއަން ނޭވީގެ ޑޯނިއަރ ދެ މަތިންދާބޯޓު މިއަދު ހެނދުނު ހަނިމާދީޫ އެއަރޕޯޓުގައި ޖައްސާފައިވާކަމަށެވެ.

މިއީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ކަނޑުގެ ޞަރަހައްދުގެ އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަނަށް އައި ފްލައިޓެއްކަމަށާއި އޭގެ ތެރެއިން އޮޕަރޭޝަންގައި ބޭނުންކުރާ ފްލައިޓް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޙަރަކާތްތެރިވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މޭޖަރ އާޒިމް ވިދާޅުވީ އާއްމުކޮށް މިފަދަ އޮޕަރޭޝަނަށް ދެ ބޯޓެއް އަންނަކަމަށާއި އޭގެތެރޭގައި އޮޕަރޭޝަންގައި ބޭނުންކުރާ ފްލައިޓާއި ބެކް ފްލައިޓް ހިމެނޭކަމަށެވެ. އާދައިގެ މަތިން ބެކް ފްލައިޓް އަންނަދުވަހު ފުރާކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލްކަމަށާއި 2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވައިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯވެސް ބަލާނެއެވެ.