ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ޝިންޖިއާން ސަރަޙައްދުން މުދާ އެތެރެކުރުން އެމެރިކާއިން މަނާކުރަނީ


ޗައިނާގެ ޝިންޖިއާން ސަރަޙައްދުން އެމެރިކާއަށް މުދާ އެތެރެކުރުން މަނާކުރުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.

ޝިންޖިއާން ސަރަޙައްދުން އެމެރިކާއަށް މުދާ އެތެރެކުރުން މަނާކުރުމުގެ މަސައްކަތް އެމެރިކާއިން ފަށާފައި މިވަނީ، ޗައިނާ ސަރުކާރުން އެސަރަޙައްދުގައި އުޅޭ މުސްލިމުންނާމެދު އަމަލުކުރާ ގޮތުންނާއި، އެމީހުންނާ ލައްވާ ގަދަބާރުން މަސައްކަތްކުރާކަމަށް ތުހުމަތުކޮށެވެ.

ޝިންޖިއާން ސަރަޙައްދުން އެމެރިކާއަށް އެތެރެކުރާ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ކަފައާއި ޓޮމާޓޯގެ ބާވަތްތައް ހިމެނޭއިރު، މިއީ ޗައިނާއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތަކެވެ.
އެމެރިކާ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެޤައުމުގެ ކަސްޓަމްސްއާއި ބޯޑަރ ޕްރޮޓެކްޝަން އިދާރާ މެދުވެރިކޮށް ޝިންޖިއާން ސަރަޙައްދުން އަންނަ މުދާ ހިފެހެއްޓޭނެ އުސޫލެއް ތައްޔާރުކުރަމުންނެވެ. އެމެރިކާގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވީ މިއުސޫލަކީ ހިއުމަން ޓްރެފިކިންއާއި ކުޑަކުދިން ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދެކޮޅަށް އެކުލަވާލާ އުސޫލެއްކަމަށެވެ.

ޚަބަރުތައް ބުނާގޮތުން ޝިންޖިއާން ސަރަޙައްދުން އަންނަ މުދާ އެތެރެކުރުން އެމެރިކާއިން މަނާކޮށްފިނަމަ އެމެރިކާގެ ރީޓެއިލް ވިޔަފާރިތަކާއި ހެދުން ވިޔަފާރި އަދި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އޭގެ ސަބަބުން ގެއްލުންވާނެއެވެ. އެއީ ދުނިޔޭގައި އުފައްދާ ކަފައިގެ 20 އިންސައްތަ ޗައިނާއިން އުފައްދާއިރު، އޭގެ ބޮޑު ބަޔަކީ ޝިންޖިއާން ސަރަޙައްދުގައި އުފައްދާ ތަކެއްޗަށްވާތީއެވެ.

ޝިންޖިއާން ސަރަޙައްދުގައި އުޅޭ މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާކަމަށް ބުނެ އެމެރިކާގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމާއަތްތަކުންވެސް ދަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެސަރަޙައްދުގައި އުޅޭ މިލިއަނެއްހާ މުސްލިމުން ޖަލު ފަދަ ތަންތަނުގައި ބަންދުކޮށްގެން ގެންގުޅޭކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ޗައިނާ ސަރުކާރުން އެތުހުމަތުތައް ދޮގުކުރެއެވެ. ޗައިނާ ސަރުކާރުން ބުނާގޮތުން އެސަރަޙައްދުގައި ހިނގާ ކަންކަމަކީ ޗައިނާގެ ޤައުމީ ސަލާމަތާ ގުޅުންހުރި މަސައްކަތްތަކެކެވެ.