ޚަބަރު

މުހިންމު ދާއިރާތަކުގެ ތަޖުރިބާކާރުން ރާއްޖޭގައި ވަރަށް މަދު: ނާއިބު ރައީސް


ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުގެ ތަޖުރިބާކާރުން ރާއްޖޭގައި މަދުކަމަށާއި އެ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދީގެން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމަށް އިތުރަށް މަސައްކަތްކުރަންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައި ވަނީ ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ދާއިރާތަކުން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި، މިއަދު ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމެއް ގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދީގެން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ނާއިބު ރައީސް ފައިސަލް ނަސީމް ފާހަގަކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

އެގޮތުން އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާ ތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކުރެއްވުމުގައި މަނިކުފާނު ވަނީ، އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒުހުރީ ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަން ޤައުމުގައި ހިފެހެއްޓޭނެ ގޮތަށް ކަންކަން ބައްޓަންކޮށްގެން ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން ވަނީ އެ ބޭފުޅުންގެ ވުޒާރާތަކަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަނާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަނާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމް ބައިވެރިވެ ވަޑައިގެންނެވިއެވެ.