ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ނިޔާވެ، މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 30އަށް


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މިރޭ އިރުއޮއްސި 6:24ގައި ނިޔާވީ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 30ވަނަ މީހާއެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 23 ދިވެއްސަކާއި 7 ބިދޭސީންނެވެެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުފަހުން މިވީ 6 މަސް ދުވަހުގެ ތެރޭގައި 8,741 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން މިވަގުތު 139 މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މިބަލިޖެހުނު މީހުންގެ ތެރެއިން 6,157 މީހުނަށްވަނީ ޝިފާ ލިބިފައެވެ.