ޚަބަރު

ރަންވަނަ އެވޯޑާއި މީޑިއާތަކަށްދޭ އެވޯޑު، މި އަހަރު ނުދޭން ނިންމައިފި


ރަންވަނަ އެވޯޑާއި މީޑިއާތަކަށްދޭ އެވޯޑު، މި އަހަރު ނުދޭ ގޮތަށް ނިންމައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވީ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރު ހޮވުމާއ,ި މަޢުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށް ޚާއްސަކޮށް މި އަހަރު މުޅިން އަލަށް ތަޢާރަފު ކުރުމަށް ހަމަހިޖެހިފައިވާ އެވޯޑު, މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ނުދޭ ގޮތަށް ނިންންމާފައިވާކަމަށެވެ.

އެހެން ނަމަވެސް އަންނަ އަހަރުން ފެށިގެން އެ އެވޯޑުތައް ގަވާއިދުން ދެމުން ގެންދާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވިއެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވަމުން އައީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ފަސޭހަކަމާއެކު ޢާއްމުފަރާތްތަކަށާއި އެހެނިހެންވެސް ފަރާތްތަކަށް އެ މުއައްސަސާއެއްގެ މަސަކަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ތަންތަނަށް ބަލައިގެންނެވެ. އަދި މުއައްސަސާތަކުގެ ވެބްސައިޓުތައް ދަރަޖަކުރަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުން ހިމަނައިގެން އުފައްދަވާފައިވާ ޚާއްސަ ފަރާތްތަކުން ޖަޖުކޮށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ކަނޑައަޅާ އިންސައްތައެއް ހާސިލުކުރާ އިދާރާތައް 3 ދަރަޖައަކަށް ބަހާލައިގެންނެވެ.

މީޑިއާތަކަށްދޭ އެވޯޑަކީ މަޢުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށް ޚާއްސަކޮށް މި އަހަރު މުޅިން އަލަށް ތަޢާރަފު ކުރުމަށް ހަމަހިޖެހުނު އެވޯޑެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ "ރަންވަނަ" އެވޯޑަކީ 2016 ވަނަ އަހަރުންފެށިގެން ދެމުންއަންނަ އެވޯޑެކެވެ.