ގދ.ތިނަދޫ އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ނިންމާލައިފިއެވެ.
މިކަން ޢިއުލާންކުރަށްވައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ މިދިޔަ ސަރުކާރުން ފެށި މަސައްކަތެއް ކަމަށެވެ. މިމަސައްކަތް ނިންމާލަން ތިނަދޫ ކައުންސިލާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އިންޑޯ ގިނަ ކުޅިވަރުތަކެއް ކުޅެވޭ މި އިޖުތިމާއީ މަރުކަޒު ގާއިމްކޮށްފައިވަނީ ދެޖިންސުގެ މީހުންނަށްވެސް ބޭނުންކުރެވޭނެ ޖީމް ފެސިލިޓީއަކާއި އެކުގައެވެ. ގދ.ތިނަދޫ އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ނިންމާލިއިރު ދާދިފަހުން ޔޫތު މިނިސްޓްރީން ވަނީ ލ. މާބައިދޫ އާއި ހއ. ފިއްލަދޫގެ ޔޫތު ސެންޓަރުގެ މަސައްކަތް ނިންމާލާފައެވެ.
މީގެއިތުރުން މިނިސްޓްރީން އަންނަނީ އަތޮޅުތެރޭގެ ގިނަ ރައްތަކެއްގައި ފުޓުބޯޅަ އަދި ފުޓްސަލް ދަނޑުތަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހއ.ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ނިމުމާއި ގާތަށް ގޮސްފައި ވާއިރު ވަރަށް އަވަހަށް ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ލ. ގަމާއި ފުވައްމުލައް ސިޓީގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.